ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ދައުލަތުގެ އެތައް މިލިއަން ފައިސާއިން ޚިޔާނާތްތެރިވި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނީ އަދީބުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ބަންދުގެ އަމުރު މުރާޖާކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތާއި ބަލާއިރު، އެމަނިކުފާނު ހެކީންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އަދީބު ބަންދުން ދޫކުރުމަށް އިއުތިރާޒު ކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ހެކީންނަކީ ސިއްރު ހެކީން ކަމުގައިވާތީ ހެކީންނަށް ނުފޫޒުފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވިއިރު ގާޒީ އެކަމާ މެދު ގޮތެއް ނުނިންމަވައެވެ.