20 Jan 2016, 14:28
ވެރިކަން ކުރާ ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން މާދަމާ ރޭ ބާއްވާ ޖަލްސާއަށް ދާ އެންމެނަށް ވެސް އެ ޖަލްސާ އޮންނަ ސަރަހައްދަށް ވަދެވޭނީ ސަލާމަތީ ގޮތުން ސްކްރީންކޮށްގެން ކަމަށް އެ ދެ ޕާޓީން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލް ވިދާޅުވީ މިފަހަރުގެ ޖަލްސާގައި ސަލާމަތީ ގޮތުން ބަލަން ޖެހޭ ހުރިހާ ބެލުންތަކެއް ބެލޭނެ ކަމަށެވެ.
"...ސެކިއުރިޓީގެ ގޮތުން ހަމަ ހުރިހާ ބޭފުޅުން ވެސް ސްކްރީން ކުރެވިގެން މިޖަލްސާއަށް ވެންނެވޭނީ ހަމަ ކޮންމެ ބޭފުޅަކަށް ވެސް. އެހެންވީމާ ހަމަ އާއްމުކޮށް ޖަލްސާތަކަށް ވެއްދުން މަނާ ތަކެތި ނުގެންނެވުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" ތޮލާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖަލްސާގައި އިށީނދެވަޑައިގަތުން ވެސް އޮންނާނީ ޕީޕީއެމްގެ ފަރާތުން އިރުޝާދު ދޭ ގޮތެއްގެ މަތިން ކަމަށެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު ޢަބުދުއް ރަޙީމް ޢަބުދުﷲ ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު ޢަބުދުލް ޤައްޔޫމާއި އެ ޕާޓީގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.
"އުއްމީދީ 16" ގެ ނަމުގައި އާޓިފިޝަލް ބީޗްގައި މާދަމާރޭ ބާއްވާ ޖަލްސާއަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ރެލީ ކަމަށް ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.
"... މީގެ މާނައަކީ މިހާތަނަށް ނުބޭއްވޭ ވަރުގެ ޖަލްސާއެކޭ އަޅުގަނޑުމެން މި އިންތިޒާމްކުރަނީ. ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުންނަށް، ޕީޕީއެމް އެމްޑީއޭގެ މެމްބަރުންގެ އިތުރުން މިދެޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުންނާ އަދި މިސަރުކާރަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް މާދަމާރޭގެ މި ޖަލްސާއަށް ވަޑައިގެން ދެއްވުމަށް،" ޢަބުދުއް ރަޙީމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ފަރާތުން އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފާއި ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙުމަދު އާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ރައީސް ޔާމީނުގެ ޒައާމަތުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގައި އެއްވެސް މައްސަލައެއް ނުޖެހި ދެ އަހަރު ފުރިއްޖެ ކަމަށާއި މާދަމާ ރޭގެ ޖަލްސާއަކީ އެކަމުގެ އުފާވެސް ފާޅުކުރާ ޖަލްސާ ކަމަށެވެ. އާމިރު ވިދާޅުވީ އެމްޑީއޭއިން ބޮޑައެއް ނުހާކާނެ ކަމަށާއި ނުވެސް ތޮޅޭނެ ކަމަށެވެ.
"...އެއްބައިވަންތަކަމާ އެކު ސިޔާސީ ހަރަކާތެއް ހިންގުމުގެ ނަމޫނާއެއް އަޅުގަނޑުމެން މިދަނީ ދިވެހިރާއްޖޭގެ އެހެން ސިޔާސީޕާޓީތަކަށް ދައްކަމުން. އެމްޑީއޭ މިތިބީ ވަރަށް ސާފު ސީދާ ކަމާ އެކު ކޯލިޝަނެއްގެ ތެރޭގައި ބައިވެރިވެގެން. އަޅުގަނޑުމެން ބޮޑައެއް ނަހާކާނަން،" އާމިރު ވިދާޅުވިއެވެ.