20 Jan 2016, 12:54
ޕިޝާވަރު (ޖެނުއަރީ 20): ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ޗާރަސައްދާގައި ހުންނަ ބަޗާ ޚާން ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު މިއަދު ވަދެ ބަޑިން ހަމަލާ ދީ، 20 ދަރިވަރަކު މަރާލައިފި އެވެ.
ބަޗާ ޚާން ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދެމުންދާ ހަމަލާތަކުގައި ހަތިޔާރު އެޅި ހަތަރު މީހަކު މަރުވެފައިވާއިރު، 50 މީހަކު ޒަހަމްވެފައިވާ ކަމަށް ޕާކިސްތާން ފުލުހުން ބުންޏެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން މިހާރު ދަނީ ހަތިޔާރުއެޅި މީހުން ހުއްޓުވުމަށްޓަކައި ޔުނިވާސިޓީއަށް ވަދެ ހަމަލާދެމުން ކަމަށް އޮފިޝަލުން ބުނެ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއާ ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ދާތީ މަރުވި މީހުންނާއި އަނިޔާވި މީހުން އަދިވެސް ތިބީ ޔުނިވާސިޓީގެ އެތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަންޒަރުދުށް ފަރާތްތަކުން ބުނީ އަސްކަރިއްޔާ އިން ޔުނިވާސިޓީގެ ތެރެއަށް ދިޔަ ފަހުން ގޮވާތަކެތީގެ އަޑު އިވިފައިވާ ކަމަށެވެ.
އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައިނުވެ އެވެ.
ދެހާސްސާދަ ވަނަ އަހަރު ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ އަސްކަރީ ސްކޫލަކަށް ތާލިބާނުން ދިން ހަމަލާއެއްގައި 144 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. (އަލްޖަޒީރާ)