20 Jan 2016, 12:43
ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ސަރުކާރުން ދޫކުރާ ފްލެޓަށް އެދި ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް އަލުން ޕޮއިންޓް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
އޭސީސީން މިއަދު ބުނީ ފޯމް ހުށަހެޅި ފަރާތްތަކަށް އަލުން ޕޮއިންޓް ދޭން، އެ ކޮމިޝަނުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އަށް އެންގީ ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކުރި ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައި ވާތީ ކަމަށެވެ.
އެގޮތުން އޭސީސީއަށް ފާހަގަވި ފުރަތަމަ ކަމެއް ކަމަށް އެކޮމިޝަނުން ބުނީ ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައި ވަނީ ހަމަ އެކަނި "ހާލަތު ބަލާ ފޯމަށް" ބަލައިގެން ކަމަށް ވުމެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ހަމަ އެކަނި ބެލެނިވެރިން ދިން މައުލޫމާތަށް ބިނާކޮށް ޕޮއިންޓް ދިނުމުގެ ބަދަލުގައި އެކަމަށް ބާރުދޭނެ، އިތުބާރުހުރި ފަރާތްތަކުގެ ލިއުންތަކަށް ބަލަން ޖެހޭނެ ކަމަށް ކޮމިޝަން ބުންޏެވެ.
ދެވަނަ މައްސަލައެއް ކަމަށް ފާހަގަކޮށްފައި ވަނީ 'ހާލަތު ބަލާފޯމު'ތަކުގެ ތެރެއިން ބައެއް ފޯމުތަކުގައި ފުރިހަމަކޮށްފައި ނުވާ މައުލޫމާތުތަކަށް ޕޮއިންޓްދީފައި ވުމެވެ. އެހެންވީމާ ފޯމްތަކަށް ޕޮއިންޓްދީފައި ވަނީ ހާލަތުބަލާފޯމްގައިވާ މައުލޫމާތާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް އޭސީސީން ބުންޏެވެ.
ތިންވަނަ މައްސަލައެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައި ވަނީ ފްލެޓްތަކަށް ޝޯޓްލިސްޓް ކުރި 15 ފަރާތުގެ ތެރެއިން އެންމެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތަށް ލިބިފައި ވަނީ 62.75 ޕޮއިންޓް ކަމަށް ވީ ނަމަވެސް އެއަދަދަށް ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތައް ޝޯޓްލިސްޓްކޮށްފައި ނުވުމެވެ. އެހެންވީމާ ޝޯޓްލިސްޓްކޮށްފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުން ބުންޏެވެ.
ހަތަރު ވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ފޯމާއެކު ހުށަހަޅާފައިވާ މެޑިކަލް ސެޓްފިކެޓްގައި ބަޔާންކޮށްފައި ނުވާ ނުކުޅެދުންތެރި ކަމަށް ވެސް ޕޮއިންޓްދީފައި ވުމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފްލެޓްތަކަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް، ޝޯޓްލިސްޓް ކުރުމުގައި މިނޫން ވެސް ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީގެ ތަހުގީގުން ވަނީ އެނގިފަ އެވެ. އެގޮތުން ޖުމްލަ 12 ނުގުތާއެއް އެކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.