20 Jan 2016, 12:12
ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު އިންކާރު ކުރައްވައިފިއެވެ.
އަދީބުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުރެ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 30، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މިއަދު ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އަދީބު ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށެވެ.
ދައުވާ ސާފުނުވާ ކަމަށް އަދީބު ވިދާޅުވުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ ސާފުނުވަނީ ކޮންކަމެއްތޯ އޮޅުންފިލުވައިދިނުމަށް އަދީބުގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބަށް އެ ތުހުމަތު ކުރެވޭ ސަބަބާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ކުށުގެ އަމަލަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލުން ވަނީ އެކަންތައްތައް އަދީބަށް ސާފުކޮށްދެއްވައިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގުގައި އަދީބާ ކުރި ސުވާލުތަކަށް އޭނާ ޖަވާބުދެއްވާފައިވާ ކަމަށާއި އެ މައްސަލައަކީ ކޮބައިކަން އަދީބު ތަހުގީގަށް ދެއްވާފައިވާ ބަޔާނުން އެނގޭނެ ކަމަށެވެ. ނަމަވެސް އަދީބުގެ ވަކީލު ސިރާޖު ވިދާޅުވީ ތަހުގީގު ބަޔާން އަދީބަށް ލިބިފައިނުވާ ކަމަށެވެ.
ރަސްމީ ހައިސިއްޔަތު ކަމަށް ދައުވާގައި ބުނާއިރު، އެއީ ޓޫރިޒަމް މިނިސްޓަރު ކަމުގެ ހައިސިއްޔަތު ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެފަޅު ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެޑްމިނިސްޓްރޭޓިވް ފީވެސް ލިބިފައިނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ކުއްޔަށް ދޫކުރީ ކޮންފަޅެއްކަން ދައުވާގެ ސީޣާއިން އެނގެން ނެތުމުން އަބްދުﷲ ގާޒީ ވަނީ އެކަމާ ގުޅޭގޮތުން ދައުލަތަށް ގިނަ އިރުޝާދުތަކެއް ދެއްވާފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެ ފަޅަށް ނަމެއްދީފައި ނޯންނަ ކަމަށާއި އެއީ ކޮންފަޅެއްކަން އެނގޭނެ މައުލޫމާތު ހެކި ހުށަހެޅުމުން އެނގިގެންދާނެ ކަމަށެވެ.
އަދީބުގެ ވަކީލު ސިރާޖު ކުރެއްވި ސުވާލުތަކަށް ދައުލަތުން ޖަވާބުދީ ނިމުމުން ސިރާޖު ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް ޖަވާބުދާރީވާން 15 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ އަދީބުގެ ވަކީލު އެދިވަޑައިގަތްގޮތުގެމަތިން އެ ފުރުސަތު ދެއްވާފައެވެ.
ޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި އެދުވަހު ދެ ފަރާތަށް ވެސް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.