22 Jan 2016, 15:50
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް) އިން މުޅިން އަލަށް މިއަހަރު ފުޓްސަލް ލީގެއް ބާއްވަން ނިއްމަވައިފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމު އާދިލް ޖަލީލު 'ސަން' އަށް ވިދާޅުވީ އެފްއޭއެމް އިން އަލަށް ބާއްވަން ނިއްމާފައިވާ ފުޓްސަލް ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ވެސް ހުޅުވާލެވިގެން ކަމަށާއި ލީގްގައި ބައިވެރިވެވޭނީ ހަމައެކަނި ޕްރިމިއާ ލީގްގައި ވާދަ ކުރާ ކުލަބު ތަކަށް ކަމަށެވެ.
"ފުރަތަމަ ފަހަރު ބާއްވާ ލީގަކަށް ވުމުން އަޅުގަނޑުމެން މި ބަލަނީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް އެކަނި ހުޅުވާލައިގެން ބޭއްވުމަށް. ނަމަވެސް ކުރިއަށް އޮތްތާންގައި އިތުރަށް ފުޅާ ކުރުމަށް ވިސްނަމުން މިދަނީ،" ބައްސާމު ވިދާޅުވިއެވެ.
ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކައް އެކަނި ހުޅުވާލައިގެން ބޭއްވި ނަމަވެސް ޕްރިމިއާ ލީގްގައި ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ފުޓްސަލް ލީގްގައި ނުކުޅެވޭނެ ކަމަށް ބައްސާމު ވިދާޅުވިއެވެ.
ފީފާގެ ބެޖް ހަވާލު ކުރުމަށް މިދިޔަ އަންގާރު ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތިގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު އަމީޒު ވިދާޅުވީ އެ ލީގް ގެ ސަބަބުން ފުޓްސަލް ކުޅޭ ކުޅުންތެރިންގެ އިތުރުން އެ ކަމަށް ހާއްސް ރެފްރީން ތަކެއް އުފެދިގެން ދާނެ ކަމަށާއި އެރޮނގުން ކުރިއަށް ދިއުމަށް ބޭނުންވާ ރެފްރީން އަށް އިތުރު ފުރުސަތުތަކެއް ހުޅުވެގެން ދާނެ ކަމަށެވެ.
"ފުޓްސަލް ރެފްރީންއަށް އެއީ ވަރަށް އުންމީދީ އުފާވެރި ހަބަރަކަށް ވެގްންދާނީ. މިހިސާބައް އައި އިރު ފީފާ ފުޓްސަލް ރެފްރީންނެއް ރާއްޖޭގައި އެއް ނެތް. އެ މުބާރާތް ފެށުމާއި އެކު އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެން އެދިޔައީ ފީފީ ފުޓްބޯޅަ ރެފްރީންއެކޭ އެއްގޮތަށް ފުޓްސަލްއަށް ވެސް ފީފާ ރެފްރީން ރަޖިސްޓްރީ ކުރަން،" އަމީޒް ވިދާޅުވިއެވެ.
ރާއްޖޭގައި މިފަހެކަށް އައިސް ފުޓްސަލް ކުޅޭ ކުޅުންތެރިން އިތުރުވެ އެ ކުޅިވަރަށް ބޮޑު ތަރްހީބެއް ލިބެމުންއަންނަ އިރު ފުޓްސަލް ލީގްގެ ސަބަބުން ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އެފްއޭއެމް އިން ފުޓްސަލް ލީގް ބޭއްވުމަށް ނިއްމާފައިވާ އިރު މި އަހަރުގެ އޭޕްރީލް ހިސާބުގައި އެ ލީގް ބޭއްވުމަށް އެ އިދާރާއިން އަންނަނީ މަސަތްކަތް ކުރަމުންނެވެ.