20 Jan 2016, 11:43
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި މުބަންޑާރަ ނައިބު މުހައްމަދު އަނިލްއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންނާ އޭސީސީ އިން ސުވާލުކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ޑރ. ޝައިނީއާ ސުވާލު ކުރީ ރާއްޖޭގެ ފަޅުރަށްތައް ބަލަހައްޓާ ފަރާތަކީ އެގްރިކަލްޗާ މިނިސްޓްރީ ކަމަށްވެފައި އެ ރަށްތަކުގެ ތެރެއެއިން ބައެއް ރަށްތައް އެެމްއެމްޕީއާރުސީ އިން ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމަށެވެ. އަދި ހަފްތާ އަކު ވަރަށް ގިނަ ރަށްތައް އެމްއެމްޕީއާރުސީ އިން ދޫކުރާ އިރު، އެއީ އެ ދެ ފަރާތް ގުޅިގެން ރޭވިގެން ހިންގި ކަމެއްތޯ ބެލުމަށެވެ.
ނަމަވެސް ބަންޑާރަ ނައިބު އަނިލްއާ ހަމައެކަނި ކޮށްލީ ސުވާލެއް ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. ބަޔާނެއް ނުނަގަ އެވެ. ބަޔާނެއް ނެގީ ޝައިނީގެ އެވެ.
ނަމަވެސް ޑރ. ޝައިނީ މިއަދު ސަން އަށް ވިދާޅުވީ އެބޭފުޅާއާ އޭސީސީ އިން ސުވާލު ކުރި ކަމަށާއި އެ ބޭފުޅާއާ ސުވާލު ކުރީ، ރާއްޖޭގެ ފަޅުރަށްތައް ބަލަހައްޓާ މިނިސްޓްރީއަކީ އެ މިނިސްޓްރީ ކަމަށްވެފައި، އެ ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށް ޓޫރިޒަމަށް ދޫކުރާ ގޮތް ނޫނީ ޕްރޮސީޖާ ބެލުމަށް ކަމަށާއި ހަމައެކަނި ވޭރިފައިކޮށްލުމަށް ކަމަށެވެ. ޝައިނީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ރިޕޯޓް ކުރަނީ ރަނގަޅަށް ނޫން ކަމަށެވެ.
އެ މައްސަލާގައި ބަންޑާރަ ނައިބު އަނިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށް ވަނީ ބެލެވިފަ އެވެ. އެ ހިޔާނާތުގެ މުގުލުގައި ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. އަދި އޭސީސީ އިން ވަނީ އޭނާއާ ވެސް ސުވާލުކޮށްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އިން ރަށްތައް ވިއްކައިގެން ލިބުނު ފައިސާ ވަނީ ދައުލަތުގެ ބަޖެޓަށް ނުވަދެ އެވެ. އެ ފައިސާތައް ވީތަނެއް ނޭނގެ އެވެ. އެ ހިޔާނާތުގެ ޖުމްލަ އަދި ވަނީ އަންދާޒާ ކުރަން ވެސް ނޭނގިފަ އެވެ.