20 Jan 2016, 12:50
މި ސީޒަނުގައި ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑްގެ ވޭލްޝް ފޯވާޑް ގެރެތް ބޭލްގެ ކުޑަ ކަޅުވާ އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސްޕޯޓިން ގިޖޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅުގައި ބޭލްއަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފަ އެވެ. އެ މެޗުގައި ރެއާލް އިން ސްޕޯޓިން ކޮޅަށް ފަސް ގޯލު ކާމިޔާބު ކުރި އިރު ބޭލް ވަނީ ފުރަތަމަ ގޯލާއި ކަރިމް ބެންޒެމާ ޖަހައިދިން ތިން ވަނަ ގޯލު ޖެހުމަށް އެހީތެރި ވެދީފަ އެވެ.
ބޭލް އަށް އަނިޔާވިކަން ޔަގީންކޮށްދެމުން ރެއާލުން ނެރެފައިވާ ބަޔާންގައި ވަނީ ބޭލްގެ ޓެސްޓްތަކަގެ ނަތީޖާ ލިބިފައިވާ ކަމަށާއި އެގޮތުން އޭނާގެ ކަނާއަތުފައިގެ ކުޑަ ކަޅުވާ އަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފްތާ ފަހުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި ސީޒަނުގައި ތިން ވަނަ ފަހަރަށް ބޭލް އަށް އަނިޔާވެފައިވާ އިރު އޭނާ އަށް ވަނީ ރެއާލް ކުޅުނު އަށް މެޗު ގެއްލިފަ އެވެ. އަދި މި ފަހަރުގެ އެ އަނިޔާގެ ސަބަބުން އޭނާ އަށް ލީގުގައި ރެއާލް ކުޅޭ ހަތަރު މެޗެއް ގެއްލޭނެ ކަމަށް ބެލެވިފައިވާ އިރު ޗެމްޕިއަންސް ލީގުގައި އަންނަ މަހު ފަހު ކޮޅު ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓް ވާނެ ކަމަށް ވަނީ އެވެ.
މި ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބޭލް ވަނީ އެ ޓީމަށް 13 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.