ކުރިއަށް އޮތް ސާފް ގޭމްސްގައި ޓެނިސްގެ ފިރިހެން ޓީމުގެ ހަތަރު ކުޅުންތެރިޔަކު މުބާރާތުގައި ވާދަ ކުރާނެ ކަމަށާއި މުބާރާތަށް ދިއުމުގެ ފުރުސަތު ނުލިބުމުން އަންހެން ޓީމު މުބާރާތުގައި ވާދަ ނުކުރާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

މި މަހު ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވާ ގޮތުން ޓެނިސް އިން ސައުތު އޭޝިއަން ގޭމްސްއަށް ސަރުކާރުގެ ޚަރަދުގައި ފޮނުވުމަށް ހަމަޖެހިފައި ވަނީ ފިރިހެން ދެ ކުޅުންތެރިންނާއި އޮފިޝަލެކެވެ.

'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލެއް ވިދާޅުވީ ހެޔޮ އެދޭ ފަރާތެއްގެ އެހީއާއެކު އިތުރު ދެ ކުޅުންތެރިއެއް ގޭމްސްއަށް ފޮނުވާ ގޮތަށް ފުރުސަތު ލިބުމުން ޓެނިސް އިން ހަތަރު ފިރިހެން ކުޅުންތެރިން ވާދަ ކުރާނެ ކަމަށެވެ.

ޓެނިސް އެސޯސިއޭޝަނުން އުންމީދު ކުރީ ސަރުކާރުގެ ޚަރަދުގައި އަންހެން ޓީމަށް ވެސް މުބާރާތައް ދެވޭނެ ކަމަށް ކަމަށާއި ނަމަވެސް ނަމަވެސް އަންހެން ޓީމު ފޮނުވާ ގޮތަށް ނިންމާފައި ނުވުމުން ގޭމްސްގައި ރާއްޖެއިން އަންހެން ޓީމެއް ވާދަ ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލީ ސަރުކާރުގެ ޚަރަދުގައި އަންހެން ޓީމާ ފިރިހެން ޓީމަށް ވެސް މުބާރާތައް ދެވޭނެ ކަމަށް. ނަމަވެސް އެކަން އޮގޮތަށް ހަމަނުޖެހުމުން އެސޯސިއޭޝަނުން ނިންމީ ގޭމްސްގައި އަންހެން ޓީމު ބައިވެރި ނުކުރުމަށް،" ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އެހެންވެއްޖެނަމަ ޓެނިސްގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވެސް ރާއްޖެއިން ވާދައެއް ނުކުރާނެ އެވެ.

އޮފީޝަލު ވިދާޅުވީ ސަރުކާރުގެ ޚާރަދުގައި ފުރުސަތު ނުލިބުނު ޓީމުތައް ގޭމްސްއަށް ފޮނުވުމަށް އޮލިމްޕިކް ކޮމިޓީއިން މަސައްކަތް ކުރައްވަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެފަދަ ފަންޑެއް ހަމަޖެހިއްޖެނަމަ އަންހެން ޓީމުވެސް މުބާރާތައް ފޮނުވާނެ ކަމަށެވެ.

ނޭޕާލުގެ ކޯޗެއްގެ ބެލުމުގެ ދަށުން ހަފުތާގެ ހަ ދުވަހު ޓެނިސްގެ ދެޓީމުން ވެސް ދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.