ލަންޑަން (ޖެނުއަރީ 20): އައިއެސް އިން ރަހީނުކޮށްފައިވާ މީހުން މަރާލާ ވީޑިއޯތަކުން މަޝްހޫރުވި މުހައްމަދު އެމްވާޒީ ނުވަތަ ޖިހާދީ ޖޯން މަރުވެއްޖެ ކަން އައިއެސްގެ އޮންލައިން މެގަޒިންއަކުން ޔަގީންކޮށްދީފި އެވެ.

ޖިހާދީ ޖޯން މަރުވިކަން އައިއެސް އިން ކަށަވަރުކޮށްދިނީ އޭނާ މަރާލައިފި ކަމަށް "ކޮންމެވެސް ވަރަކަށް ޔަގީން"ވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނިތާ ދެމަސްފަހުންނެވެ.

ދާބިގް ނަމަކަށް ކިޔާ އައިއެސްގެ މެގަޒިންގައިވާ ގޮތުން އެމްވާޒީ މަރުވީ އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް އެރި ޑްރޯން ހަމަލާއެއްގެ ސަބަބުންނެވެ.

އައިއެސް އިން އަބޫ މުހާރިބް އަލް މުހާޖިރުގެ ނަން ދީފައިވާ އެމްވާޒީ ސިފަކޮށްފައި ވަނީ "ގިނަ ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބުނު އަޚެއް"ގެ ގޮތުގައި އެވެ. އަދި އެމްވާޒީ އަށް ތައުރީފުކޮށް ލިޔެފައިވާ އެލިޔުމުގައި، އޭނާ އިނގިރޭސިވިލާތުގައި ދިރިއުޅުމަށް ފަހު ކުވެއިތަށް ދިޔަ މަގުމަތީގައި އޭނާއާ ސުވާލުކުރި އިނގިރޭސިވިލާތުގެ އޮފިޝަލުންނަށާއި، އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއަށް ގޮންޖަހާފައިވެ އެވެ.

އެމްވާޒީ އެންމެ ފުރަތަމަ މަޝްހޫރުވީ އޮގަސްޓް 2014ގައި އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ޖޭމްސް ފޯލޭ މަރާލާ ވީޑިއޯއަކުންނެވެ. އައިއެސްގައި އަސްކަރީ ގޮތުން މާބޮޑު ދައުރެއް އަދާނުކުރި ނަމަވެސް، އެމްވާޒީ ވެގެންދިޔައީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ އެންމެ މުހިއްމު އެއް އަމާޒަށެވެ.

ކުވެއިތުގައި ދިރިއުޅުމަށް ފަހު އެމްވާޒީ އިނގިރޭސިވިލާތައް ބަދަލުވީ އުމުރުން ހަ އަހަރުގައި އޭނާގެ އާއިލާއާ އެއްކޮށެވެ. ސީރިޔާއަށް ދިޔުމުގެ ކުރިން އޭނާ ވަނީ އައިޓީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. (އަލްޖަޒީރާ)