ހަތް ދުވަސް ތެރޭ އަށް ކިލޯ ލުއި ކޮށްލެވޭނެ އޭ ބުނުމުން ގަބޫލު ކުރަންވެސް ދަތިވެދާނެ އެވެ. އެހެންނަމަވެސް އެއީ ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަށް ބޭނުންވަނީ ތިބާގެ ހިއްވަރެވެ. ތިބާގެ އަޒުމެވެ. އަދި ކެތްތެރި ކަމެވެ.

އެގޮތުން އެ ހަތް ދުވަސްތެރޭ ތިބާގެ ކެއުން ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހެ އެވެ. އަދި "މީރު" ހާ ކާނާ އާ ދުރުހެލިވާން ޖެހެ އެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ "ގުރުބާނީ"ތަކެއް ވާން ޖެހެ އެވެ.

ފުރަތަމަ ދުވަސް: ކާންވީ ހުސް މޭވާ

ޑައިޓު ފައްޓާ ފުރަތަމަ ދުވަހު ކާންވީ ހުސް މޭވާ އެވެ. އާއެކެވެ. ބަނޑުހައި ވެސް ވާނެ އެވެ. އެހެންނަމަވެސް މޭވާ ނޫން އެހެން އެއްޗެއް ނުކާށެވެ. އެހެންނަމަވެސް ހަނދާން ކުރާށެވެ. ދޮންކެޔޮ ނުކާށެވެ. އަދި އެއްވެސް ވަރަކަށް ތަރުކާރީ ވެސް ނުކާށެވެ. އަދި ގިނައިން ފެން ބޯށެވެ. އެގޮތުން މަދުވެގެން އަށް ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ދެވަނަ ދުވަސް: ކާންވީ ހުސް ތަރުކާރީ

ފުރަތަމަ ދުވަހާ ހިލާފަށް ދެވަނަ ދުވަހު ތަރުކާރީ ކާށެވެ. އެގޮތުން ތަރުކާރީ ފެނު ކައްކައިގެން ވެސް ކެވިދާނެ އެވެ. އެހެންނަމަވެސް ހަނދާން ކުރާށެވެ. ތަރުކާރީ ކޮންމެ ގޮތަކަށް ބޭނުން ކުރިއަސް ތެޔޮ ނާޅާށެވެ. އަދި ފެންބޮވާ ކޮންމެ ފަހަރަކު ގިނައިން ފެން ބޯށެވެ. ހަނދާން ކުރާށެވެ. މިއަދު ވެސް ގިނައިން ފެން ބޯން ވާނެ އެވެ. އެގޮތުން އަށް ތަށްޓާއި 12 ތަށްޓާއި ދެމެދުގެ ފެން ބޯށެވެ.

ތިން ވަނަ ދުވަސް: މޭވާ އާއި ތަރުކާރީ ކާންވީ

ތިން ވަނަ ދުވަހު ހުސް މޭވާ އާއި ތަރުކާރީ ކާށެވެ. އެހެންނަމަވެސް މިއަދު ވެސް ހަނދާން ކުރާށެވެ. ދޮންކެޔޮ އަދި އަލުވި ނުކާށެވެ. އަދި ގިނައިން ފެން ބޯށެވެ.

ހަތަރު ވަނަ ދުވަސް: ދޮންކޭލާއި ކިރު

ހަތަރު ވަނަ ދުވަހު ކާން ވީ ދޮން ކޭލެވެ. އެގޮތުން މަދުވެގެން އަށް ދޮންކެޔޮވަށް ކާށެވެ. އަދި ތިން ނުވަތަ ހަތަރު ކިރު ތަށި ބޯށެވެ. ހަމައެހެންމެ ގިނައިން ފެން ވެސް ބޯށެވެ.

ފަސް ވަނަ ދުވަސް: ޓޮމާޓޯ އާއި ބަތް

ފަސް ވަނަ ދުވަހު މެންދުރު ޖޯޑެއްގެ ބަތް ކާށެވެ. އަދި މުޅި ދުވަހަށް ބަހާލައިގެން ހަ ޓޮމާޓޯ ކާށެވެ. އަދި އެހެން ދުވަސްތަކަށް ވުރެ، މިއަދު ގިނައިން ފެން ބޯށެވެ. އެގޮތުން 15 ވަރަކަށް ތަށި ފެން ބޯން ހަނދާން ކުރާށެވެ. ސަބަބަކީ ޓޮމާޓޯ ކެއުމުން ހަށިގަނޑުގައި އުފެދޭ ޔޫރިކު އެސިޑުގެ ލެލެވްލް މަތިވާނެ ތީއެވެ.

ހަވަނަ ދުވަސް: ތަރުކާރީ އާއި ބަތް

މެންދުރަށް އެއް ޖޯޑު ބަތާއެކު ބޭނުން ވައްތަރެއްގެ ތަރުކާރީއެއް ކާށެވެ. އަދި 12 ވަރަކަށް ތަށި ފެން ބޯށެވެ.

ހަތް ވަނަ ދުވަސް/ޑައިޓުގެ އެންމެ ފަހު ދުވަސް: ބަތާއި ތަރުކާރީ އަދި މޭވާ ޖޫސް

ޑައިޓުގެ އެންމެ ފަހު ދުވަހުވެސް އެއް ޖޯޑު ބަތާއެކު ތަރުކާރީ ކާށެވެ. އަދި މޭވާ ޖޫސް ތަށްޓެއް ބޯށެވެ. މޭވާ ޖޫސް ބުއިމުން ހަށިގަނޑުގައި އުފެދިފައި ހުރި ޓޮކްސިންސް ތައް ބޭރުކޮށްދީ ހަށިގަނޑު ސާފުކޮށްދޭނެ އެވެ. އަދި އެހިސާބުން ޑައެޓުވެސް ނިންމާލެވުނީ އެވެ.

މަތީގައި ބަޔާން ކުރެވުނު ޑައެޓަކީ ހަށިގަނޑަށް ފައިދާ ހުރި ގޮތެއްގައި އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއި ކޮށްލަދޭނެ ޑައެޓެކެވެ.

އެހެންކަމުން އެ ޑައެޓުގެ އަޖުމަ ބަލާލުން ކިހިނެއްވާނެ ހެއްޔެވެ؟