ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކުރެވިފައިވާ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ މިއަހަރު ފްރާންސްގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނަގަން ޖެހޭނެ ކަމަށް ފްރާންސްގެ ކުރީގެ ކެޕްޓަން އަދި މިހާރު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ލެ ފޫޓް ނޫސް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ ފުރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބެންޒެމާއަށް މިއަހަރު އަމިއްލަ ގައުމުގައި އޮންނަ ޔޫރޯ މުބާރާތުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި ކުށެއް ސާބިތުނުވާ ހިނދު އެއްވެސް މީހަކަށް އަދަބެއް ނުދެވޭނެ ކަމަށެވެ.

"ބެންޒެމާއަށް ކުރަނީ ތުހުމަތެއް އެހްނެވީމަ އޭނާއާ ދޭތެރޭގައި ފިޔަވަޅު އެޅިގެން ނުވާނެ. ފްރާންސް ޓީމުގައި ބެންޒެމާ ނުހިމަނައި ކާމިޔާބު ލިބުމަކީ ދުރުގައިވާ ކަމެއް. އޭނާ މިހާރު އެ ދައްކަމުންދާ ކުޅުމުން އަހަރެމެންނަށް އޭނާ ދޫކޮށްލެވޭކަށް ނޯއްނާނެ،" ޒިދާން ބުންޏެވެ.

ޒިދާން އެހެން ބުނި ނަމަވެސް ފްރާންސްގެ ފުޓްބޯޅަ އިދާރާއިން ވަނީ ގައުމީ ޓީމުން ބެންޒެމާ ސަސްޕެންޑް ކޮށްފަ އެވެ. އެއީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މެތިއު ވަލްބުއެނާގެ ވީޑިއޯއެއް ބޭނުން ކޮށްގެން އޭނާ ބުލްކެ މެއިލް ކޮށްފައިވާ މައްސަލައެއް ފްރާންސްގެ ފުލުހުން ބަލަމުންދާތީ އެވެ.

ނަމަވެސް އެ ހުރިހާ ތުހުމަތުތަކަކަށް ބެންޒެމާ ވަނީ އިންކާރުކޮށް އޭނާގެ އެއްވެސް ކުށެއް އެކަމުގައި ނޯންނާނެ ކަމަށާއި އޭނާ މަސަތްކޮށްފައި ވާނީ މެތިއު އެކަމުން ސަލާމަތް ކުރަން ކަމަށް ބުނެފައެވެ.

އުމުރުން 28 އަހަރުގެ ބެންޒެމާ ވަނީ 2007 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 77 މެޗުގައި 27 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑްގައި ވެސް މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ވެސް ގިނަ ގޯލު ތަކެއް ޖަހަމުންނެވެ.