ފާމުދޭރިމަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްސްގައި ރޯވެ އަނދައި ފިއެވެ.

ދެ ބުރިއަށް ހަދާފައި ހުންނަ ފަރިވާ ފިހާރާގައި ރޭ ފަތިހު 4:00 ޖަހާކަންހާ އިރު، ރޯވެ އެފިހާރަ އެއްކޮށް އަނދާފައިވާ އިރު އެފިހާރައާ އިންވެގެން ހުންނަ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާ ހިނގި ފިހާރައިގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި ހުލިވެފައި ކަމަށެވެ. އަދި ޖެހިގެން ހުރި އިމާރާތުގައި ހުރި މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

ފަރިވާ ފިހާރާގައި ރޯވެ އަނދާފައި-- ސަން ފޮޓޯ: ހައްމާދު

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، ރޭ 5:30 އެހާކަންހާއިރު ސިފައިން އެއަލިފާންގަނޑު ކޮންޓުރޯލް ކޮށްފައިވާ އިރު އެފިހާރައާއި ވަށައިގެން އިމާރާތްތަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފިހާރައާ ޖެހިގެން ދެކުނަށް ހުންނަ އިމާރާތުގައި ރޯވެފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ހުޅުރޯވެފައި ވަނީ، ފުދޭވަރެއްގެ އިރު މިވަނީ ދެއްތޯ ކޮންޓުރޯލް ކުރަން، ބޮޑު ގެއްލުމެއް ލިބިފައިވަނީ." އަދުނާން ވިދާޅުވި އެވެ.

ފަރިވާ ފިހާރާގައި ރޯވެ އަނދާފައި-- ސަން ފޮޓޯ: ހައްމާދު

ލިބުނު ގެއްލުމުގެ ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.