ވޮޝިންޓަން: އެމެރިކާގެ އެކިސްޓޭޓްގެ އެކިރަށްތަކަށް ބާރުގަދަ ނަގޫރޯޅިތަކެއް އެރުމުގެ ސަބަބުން 45 މީހަކު މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެވެ.

އެމެރިކާގެ ފެޑްރަލް އިމަރޖެންސީ މެނޭޖްމެންޓާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިއީ މީންޒަމާނަކުވެސް އެމެރިކާއަށް ނާރާފަދަ ބާރުގަދަ ނަގޫ ރޯޅިތަކެކެވެ. މީގެތެރެއިން އެއްރޯޅިއެއްގައި ގެތަކުގެ ބައިތައް ކުނިތަކެއް ފަދައިން ވަޔާއެކު އެތަކެއް ހިސާބަށް މައްޗަށް ބުރަބުރައިގެންދިޔަކަމަށާއި ކާރުފަދަ ތަކެތިވެސް ފަތްކޮޅެއްފަދައިން ވަޔާއެކު މައްޗަށް އަރައިގެން ދިޔަކަމަށް މަންޒަރުދުށްމީހުން ބުނެއެވެ. އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުން މަރުވެ އަދި ޒަޚަމްވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުއައި މި ނަގޫރޯޅިތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބުނު ސްޓޭޓްތަކުގެ ތެރޭގައި އަލަބާމާ، މިސީ ސިއްބީ، އަރކަންސަން، ނޯތް ކެރޮލައިނާ ހިމެނެއެވެ. އެމެރިކާއަކީ އާންމުކޮށް ނަގޫރޯޅިތައް އަންނަ ޤައުމެކެވެ. ނަމަވެސް މިހާބާރުގަދަ ނަގޫރޯޅިތައް އައުމަކީ ނާދިރު ކަމެކެވެ.

މިކާރިޘާގައި މިސްޓޭޓްތަކުގެ ކަރަންޓް ވިޔުގަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި އެތަށް ހާސް ގެދޮރެއް ހަލާކުވުމާއި ގިނަޢަދަދެއްގެ ބޮޑެތި ގަސްތައް ވެއްޓިގެން ދިޔުން ހިމެނެއެވެ.

އެމެރިކާއަށް އާންމުކޮށް ނަގޫރޯޅިތައް އަންނަނީ ރަބީޢު މޫސުމާއި ހޫނުމޫސުމާ ދެމޫސުން ބެދޭ ދުވަސްވަރުގައެވެ. ޓެކްސަސްއަކީވެސް ވަރަށް ގިނައިން ނަގޫރޯޅިތަކުގެ ކާރިޘާތައް އަންނަ ސްޓޭޓެކެވެ.
1984 ގައި އެމެރިކާގެ ސްޓޭޓްތަކަށް އެރި ބާރުގަދަ ނަގޫރޯޅިތަކެއްގައި 50 އަށްވުރެ ގިނަމީހުން މަރުވެ އެތަށްސަތޭކަބަޔަކު ޒަޚަމްވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. (ނޫސްއެޖެންސީތައް)