20 Jan 2016, 08:44
އެފްރިކާގެ ގައުމެއް ކަމުގައިވާ އެންގޯލާގެ ވެރިރަށް ލުއަންޑާއިން، ނެމިބިޔާގެ ވެރިރަށް ވިންޑްހުކްއަށް ދަތުރުކުރި އެއާ ނެމިބިޔާގެ ފްލައިޓެއްގައި ބޮޑު ދޫންޏެއް ޖެހި، ފްލައިޓުގެ ބައެއް ފަޅައިގެން ގޮސްފި އެވެ.
އެއާ ނެމިބިޔާގެ އެ ފްލައިޓުގައި ބޮޑު ދޫންޏެއް ޖެހިފައި ވަނީ، މިހިނގާ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު، ނެމިބިޔާގެ ވިންޑްހުކް ސިޓީގެ އެއާޕޯޓުގައި ފްލައިޓު ޖައްސަން ދިޔަ ވަގުތު އެވެ. އެ ފްލައިޓުގައި އެވަގުތު 112 ފަސިންޖަރުން ތިއްބެވެ.
ފްލައިޓު އެއާޕޯޓުގައި ޖެއްސުމަށް ފަހު ބެލި ބެލުމުން، ފްލައިޓުގެ ތިރީ ބަޔާއި ދިމާލުން އެއް ފަރާތެއްގައި، ދޫނި ޖެހުނު ތަން ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި އެތަނުގައި ދޫނީގެ ލޭ ހޭކިފައި ހުރި އިރު، ދޫނީގެ ފިޔަތަކެއް ވެސް އެދިމާލުގައި ހުއްޓެވެ.
This afternoon we had a bird strike upon landing. We landed peacefully & we are all fine!@Prbeverlyangel#GoodNewspic.twitter.com/sTGx3WYc0d
— Ellen Angel (@pastor_ellen)January 14, 2016
އެއާ ނެމިބިޔާގެ ތަރުޖަމާނަކު ބުނި ގޮތުގައި، ފްލައިޓުތަކާއި ދޫންޏާ އާންމުކޮށް "އެކްސިޑެންޓް" ހިނގަނީ ފްލައިޓު ޓޭކް-އޮފް ކުރާ ވަގުތާއި، ފްލައިޓު އެއާޕޯޓުގައި ލޭންޑު ކުރާ ވަގުތުގައި ކަމަށެވެ. ސަބަބަކީ، ދޫނިތައް އުދުހޭ އުސްމިނުގައި ފްލައިޓު ވެސް ދަތުރުކުރަނީ އެވަގުތުތަކުގައި ކަމަށް ވާތީ އެވެ.
ފްލައިޓާއި ދޫނީގެ އެކްސިޑެންޓަކީ ފްލައިޓުގެ ޕައިލެޓުގެ ކޮންޓްރޯލުން ބޭރުގައި އޮންނަ ކަމެއް ނަމަވެސް، އެފަދަ އެކްސިޑެންޓްތައް ހިނގިޔަ ނުދިނުމަށް ޕައިލެޓުން އެމީހުންގެ ތަޖުރިބާ ބޭނުން ކުރާ ކަމަށް ވެސް އެއާ ނެމިބިޔާގެ އޮފިޝަލު ބުންޏެވެ.
މަސްދަރު: ދަ އިންޑިޕެންޑެންޓް