20 Jan 2016, 08:48
ކެންޔާގައި މިދިޔަ ޑިސެމްބަރު މަހު އަލް ޝަބާބު ހަނގުރާމަވެރި ޖަމާޢަތުން ބަހެއްގައި ތިބި ނަސާރާ ދީނުގެ މީހުންތަކަކަށް އަނިޔާ ކުރަން އުޅުމުން އެމީހުންގެ ދިފާއުގައި ތެދުވުމުގެ ސަބަބުން ހަނގުރާމަވެރިންގެ ބަޑީގެ ހަމަލާއެއް އަމާޒުވި މުސްލިމު މީހާ، އޭނާގެ ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.
ސަލާހް ފަރަހް ނަމަކަށް ކިޔާ މި މީހާގެ ގަޔަށް ޝަބާބުގެ ހަނގުރާމަވެރިން ބަޑި ޖަހާފައި ވަނީ، އެ ޖަމާޢަތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިފެހެއްޓި ބަހެއްގައި ތިބި ފަސިންޖަރުންގެ ތެރެއިން މުސްލިމުންނާއި ނަސާރާއިން ވަކިވުމަށް އެންގުމުން، އެކަމާ ދެކޮޅު ހެދުމުންނެވެ.
ހަނގުރާމަވެރިން އެވަގުތު ބުނަމުން ދިޔައީ މުސްލިމެއް ނަމަ އެމީހަކު ދޫކޮށްލާނެ ކަމަށާއި، ނަމަވެސް ނަސާރާއިން މަރާލާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ދެކޮޅު ހަދައި، ސަލާހް ބުނީ އެ ބަހުގައި ތިބި ވަކި ބަޔަކު ދޫކޮށްލާފައި ވަކި ބަޔަކު މަރައިލުމުގެ ބަދަލުގައި، އެންމެން ދޫކޮށްލަން ނުވަތަ މަރައިލަން ޖެހޭނެ ކަމަށެވެ. އެއާ އެކު، އަލް ޝަބާބުގެ ހަނގުރާމަވެރިން ވަނީ ސަލާހްގެ ގަޔަށް ބަޑި ޖަހައި، އޭނާ ޒަޚަމް ކޮށްލައިފަ އެވެ.
އެ ހާދިސާއަށް ފަހު ސަލާހްއަށް ދިޔައީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. އެހެން ނަމަވެސް އޭނާގެ ގަޔަށް ވަޒަން އެރި ޒަޚަމް ފަސޭހަ ކުރުމަށް ސާރޖަރީ ހަދަމުން ދިޔަ ވަގުތު އޭނާ ވަނީ މަރުވެފަ އެވެ.
ސަލާހްގެ މަރާ ގުޅިގެން ކެންޔާގެ ގިނަ ބަޔަކު ހިތާމަ ފާޅު ކުރަމުންދާ އިރު، އޭނާގެ ދޮށީ ބޭބެ ބުނީ، ސަލާހްގެ މަރާ ގުޅިގެން ކެންޔާގައި ދިރިއުޅޭ އެކި ދީނުތަކުގެ މީހުންގެ މެދުގައި އޮތް ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ނެތި ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.