20 Jan 2016, 08:54
އިލެކްޓްރޯނިކްސް އުފައްދާ މަޝްހޫރު ތިން ކުންފުނި އެޕަލް، ސެމްސަންގް އަދި ސޮނީގެ ޕްރޮޑަކްޓްތަކުގެ ބެޓެރީއަށް ބޭނުންވާ ބައެއް ކެމިކަލް މައިނު ކުރަނީ ކުޑަކުދިން ލައްވައި ތޯ ޗެކު ކުރުމަށް އެކުންފުނިތަކުން ފެއިލުވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.
ސްމާޓް ފޯނާއި އިލެކްޓްރޯނިކްސްގައި ލިތިއަމް އަޔޮން ބެޓެރީ ބޭނުން ކުރެވޭ އިރު، މިފަދަ ބެޓެރީގައި ހުންނަ މުހިންމު އެއް މިނަރަލްއަކީ ކޯބަލްޓް އެވެ.
ދާދި ފަހުން އާންމުވި ރިޕޯޓެއްގައިވާ ގޮތުން، އެފްރިކާގެ ޤައުމެއް ކަމުގައިވާ ކޮންގޯގައި ކޯބަލްޓް މައިނު ކުރުމުގައި ހަތް އަހަރުން ދަށުގެ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވަމުން ދެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ، އެޕަލް، ސެމްސަންގް އަދި ސޮނީއިން ބެޓެރީ އުފެއްދުމަށް ކޯބަލްޓް ހޯދާ ތަންތަނުން އެ މައިނު ކުރަނީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވައިގެންތޯ ނުވަތަ ނޫންތޯ ބެލުމަށް ފެއިލު ވެފައިވާ ކަމަށެވެ.
ކޮންގޯއަކީ މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު، މައިނު ކުރެވޭ ކޯބަލްޓްގެ 50 އިންސައްތަ އުފައްދާ ޤައުމެވެ. ނަމަވެސް މި މަސައްކަތުގައި އުޅޭ މީހުންނަށް ސިއްހީ މައްސަލަތަކުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވެ އެވެ. ސެޕްޓެމްބަރު 2014 އިން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް، ކޮންގޯގެ ދެކުނުގައި ހުރި ކޯބަލްޓް މައިނުތަކުގައި ޖުމްލަ 80 މަސައްކަތްތެރިއަކު މަރުވެފައިވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ދުނިޔޭގެ އިލެކްޓްރޯނިކްސް ބާޒާރުގެ ބޮޑު ތިން ކުންފުންޏަކަށް މިފަދަ ތުހުމަތުތަކެއް ކޮށްފައިވާ އިރު، އެ ކުންފުނިތަކުން ބުނީ، ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަކީ އެ ކުންފުނިތަކުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މަސްދަރު: ބީބީސީ