ރާއްޖޭން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކޭޓް (އެސްއެސްސީ) ދިވެހި، އިސްލާމް މި ދެމާއްދާގެ އިމްތިހާނުގައި ބައިވެރިވި، ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދައިފިއެވެ.

ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި 2015 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ ތެރެއިން ހަތް ކުއްޖަކު ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އެސްއެސްސީ އިސްލާމް އަދި ދިވެހި މި ދެ މާއްދާއިން އިމްތިހާންގައި ބައިވެރިވެ، އިމްތިހާނުން ފާސްވެފައެވެ.

އެމްއީސީސީގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ދިވެއްސާއި އިސްލާމް މި ދެ މާއްދާ ކިޔެވުމަށްފަހު އިމްތިހާނުގައި ބައިވެރިވި ކުދީންގެ ތެރޭން ދެ ކުއްޖަކު ދެ މާއްދާއިން "އޭ" ގްރޭޑް ހޯދާފައި ވާއިރު، އެއް ކުއްޖަކު ވަނީ، ދެ މާއްދާއިން "ބީ" ގްރޭޑް ހޯދައިފައެވެ. އަދި އަނެއް ހަތަރު ދަރިވަރުން ވަނީ، ދެ މާއްދާއިން "ސީ" ގްރޭޑް ހާސިލްކޮށްފައެވެ.

ދެމާއްދާއިން "އޭ" ގްރޭޑް ހާސިލްކޮށްފައި ވަނީ، މިދިޔަ އަހަރު އެމްއޭސީސީގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މާހާ އަހްމަދު އާއި، އާއިޝަތު ލުހާ ޚަލީލްއެވެ.

އެމްއީސީސީ ހިންގެވުމާ ހަވާލުވެ ހުންނެވި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް (އަދުރޭ) ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އެ ސެންޓަރުން މިވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް. މިކުދިން ހޯދި ނަތީޖާ ތަކުން އެނގިގެން މި ދިޔައީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްދެއްވި އަގުހުރި މަސައްކަތުގެ ހެޔޮ ނަތީޖާ ލިބިގެން ހިނގައްޖެކަން،" އެމްއީސީސީ ހިންގެވުމާ ހަވާލުވެ ހުންނެވި، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް (އަދުރޭ) ވިދާޅުވިއެވެ.

އެމްއީސީސީން ގްރެޖުއޭޓްވި ދަރިވަރުންނާއި އެ ސެންޓަރުގެ ސްޓާފުން -- ސަން ފައިލް ފޮޓޯ: އަހްމަދު މުޖްތަބާ

އޭނާ ވިދާޅުވީ، އެމްއީސީސީގެ ދަރިވަރުން މި ހޯދި ކާމިޔާބީއަކީ، އެ ސެންޓަރުގެ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ އިހްލާސްތެރި މަސައްކަތް ކަމަށާއި އަދި އޭގެ އިތުރުން، ސެންޓަރު ހިންގުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި މިނިސްޓްރި އޮފް އިސްލާމިކް އެފެއާޒުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މިތަނުގެ ޓީޗަރުން އެ ކޮށްދެއްވި އިހްލާސްތެރި މަސައްކަތްތަކަށް. އަދި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށްވެސް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" އަދުރޭ ވިދާޅުވިއެވެ.

ކުރިން ރާއްޖޭގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކުރިއަށް ގެންދާ އެމްއީސީސީގައި ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް، އެއް ދަންފަޅިއަކަށް ކުލާސްތައް ކުރިއަށްދާއިރު، އެތަނުގައި ރަޖިސްޓްރީ ވެގެން 300 އަށްވުރެ ގިނަ ދަރިވަރަކު ކިޔަވަމުންދެ އެވެ.