އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ރޭ ވަނީ ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފަ އެވެ. އެނގިފައިވާގޮތުން އިނގިރޭސި ވިލާތަށް ކުރަށްވާ ދަތުރުފުޅުގައި ރައީސް ނަޝީދު ސްރީލަންކާގައި އެއްދުވަސް ހޭދަކުރައްވާނެ އެވެ.

އެމެރިކާގެ ސަފީރު އަތުލް ކެޝަޕް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުޅާދާއިރާއެއްގައި ޝައުގުވެރި ވާހަކަތަކެއް ރައީސް ނަޝީދާއެކު މިއަދު ދެކެވިފައިވާ ކަމަށެވެ. އަތުލް ވަނީ ނަޝީދު ރާއްޖޭން ބޭރަށް ފޮނުވަން ނިންމި ނިންމެވުމަށް ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މައިބަދައިގެ އޮޕަރޭޝަނަކަށް ނަޝީދު ރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައި ވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި ހުންނަވަން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.