މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީންގެ ތެރެއިން ވަޒީފާގައި އުޅޭ ގައިދީންނަށް އައު ޔުނީފޯމެއް ތަޢާރަފްކޮށް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

މިއަދު ބޭނުންކުރަން ފެށި އެ ޔުނީފޯމަކީ މަސައްކަތުގައި އުޅޭ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނައިގެން މަސައްކަތުގައި އުޅުމަށް ފަސޭހަވާނޭހެން ޑިޒައިން ކުރެވިފައިވާ ޔުނީފޯމެއްކަމަ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

" މި ޔުނީފޯރމްގެ ސަބަބުން ގައިދީން ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް އޮފިސަރުންނަށް ލިބިގެންދާނެ،" އަމީން ވިދާޅުވި އެވެ.

މިއަދު ބޭނުންކުރަން ފެށި ޔުނީފޯމުގެ ކުލައަކީ ދުނިޔޭގެ އެހެން ޖަލުތަކުގައިވެސް ބޭނުންކުރާ ފަދައިން އޮރެންޖް ކުލައެވެ.

ކުރިއަށް އޮތްތަނުގައި ޖަލުގެ އެތެރޭގައި ތިބޭ ގައިދީންނަށްވެސް ޔުނީފޯމް ތަޢާރަފް ކުރެވިގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ. ނަމަވެސް އެ ޔުނީފޯމަކީ މިއަދު ތަޢާރަފް ކުރެވުނު ޔުނީފޯމާއި ތަފާތު ޔުނީފޯމަކަށް ވާނެ ކަމަށް ވަނީ ބުނެފަ އެވެ.