ސުޕްރީމް ކޯޓުގެ ހުއްދަ ނުހޯދައި އެއްވެސް ތަނެއްގައި ކޯޓު ރޫމެއް ނެހެދޭނެ ކަމަށް އެ ކޯޓުން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ސާކިއުލާއެއްގައި ވަނީ ކޯޓެއް ގާއިމް ކޮށްފައިވާ ތަނެއް ފިޔަވައި އެހެންތަނެއްގައި ކޯޓު ރޫމެއް ގާއިމް ކުރެވޭނީ ސުޕްރީމް ކޯޓުން އެންގުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން މިހެން އަންގާފައި ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު ރޫމެއް ދޫނިދޫގައި ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވަނީ އެ ކޯޓުން 2009 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގައިވާގޮތުން ޝަރުއީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތް ކުރަންޖެހޭ ތަންތަން ކަނޑައަޅައި، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ކޯޓުގެ ޑިވިޝަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުސޫލުން ބޭރުން އެއްވެސް ފަރާތަކުން ގާއިމްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.