19 Jan 2016, 21:38
އިންޑިއާގެ ކައުންޓާ ޕާޓް މަނޯހަރް ޕިރެކާ އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ބޭއްވި ބައްދަލުވުމުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމަށް ނިންމައިފި އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފައި ވަނީ އިއްޔެ އެވެ. އެންއެންޑީއެފުން ބުނެފައި ވަނީ އެދަތުރުފުޅަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޕިޓްނިއުސްގައި ބުނެފައި ވަނީ މިއަދު ހަވީރު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާގެ ދިފާއީ ބާރުގެ ގުޅުން ވަރުގަދަކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓަރުގެ އެ ދަތުރުފުޅުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް ޢަބްދުލްމަތީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.