18 Apr 2011, 13:51
ފޮނަދޫ ރަށު ކައުންސިލް ރައީސްކަމަށް ކައުންސިލް މެންބަރު ޢަބްދުލް ޙަސީބް އިބްރާހިމް މިއަދު އިންތިހާބު ކޮށްފި އެވެ. ޙަސީބު ކައުންސިލް ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފަސް ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް ހަސީބު އެކަންޏެވެ.
ހަސީބު އެ މަގާމަށް އިންތިހާބު ކުރީ ރަށުކައުންސިލް ރައީސް ކަމުގައި ކުރިން ހުންނެވި ޢަބްދުއް ޞަމަދު ޢަލީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މިދިއަ ބުރާސްފަތި ދުވަހު އޭނާ މަގާމުން ދުރުކުރުމަށް ފަހު އެވެ.
ސަމަދު މަގާމުން ދުރު ކުރީ ރަށުގެ ގުރުއާން މުބާރާތަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ.
އަލަށް އިންތިހާބުވެވައިގެންނެވި ހަސީބު ވިދާޅުވީ ކުރިން ދިމާވި ފަދަ އެއްވެސް ކަމެއް ދެން ނުހިނގާނެ ކަމަށާއި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ފޮނަދޫ ރަށު ކައުންސިލް ގައި ތިއްބަވާ ފަސް ބޭފުޅުންނަކީ ވެސް ޑީއާރްޕީގެ ޓިކެޓްގައި ހޮވިވަޑައިގެންފައިވާ ބޭފުޅުންނެވެ.