19 Jan 2016, 19:47
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވުމަށް ސަރުކާރުން ހުއްދަ ދިނުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދާން ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ބޭސްފަރުވާގެ ކަންކަމަށް 30 ދުވަހުގެ މުއްދަތެއް ނަޝީދަށް ވަނީ ދެއްވާފައެވެ.
އެކަމާގުޅިގެން ހޫގޯ ސްވަޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުވަން ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދާއިރާއިން އެޅި ހެޔޮ ފިޔަވަޅެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށްޓަކައި އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދާއެކު ފްލައިޓްގައި -- ފޭސްބުކް ފޮޓޯ
ހޫގޯ ސްވަޔާ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ހޫގޯގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޕީޕީއެމްގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.
ރައީސް ޔާމީނާއެކު އާދިއްތަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަަމަށް ރައީސް އޮފީހުން ބުނެ އެވެ.