ދުންފަތް ކޮންޓްރޯލް ކުރުމަކީ ބޮޑެތި ގޮންޖެހުން ތަކެއް ހުރި ކަމެއް ކަމުގައި ވީ ނަމަވެސް އެކަމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުލް ހަމީދު އަބްދުއް ސަމަދު ވިދާޅުވެއްޖެ އެވެ.

ޒުވާނުން ދުންފަތާ ދުރުހެލި ކުރުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "އައިޗޫޒް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިން ރިވިއުކޮށް އާ ކެމްޕެއިނެއް ރޭވުމަށް ހިޔާލު ބަދަލު ކުރުމަށް މިއަދު ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އަބްދުލް ހަމީދު އަބްދުއް ސަމަދު ވިދާޅުވީ، އައިޗޫޒް ލައިފު ކެމްޕެއިން އިފްތިތާހު ކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް އައި އިރުވެސް ފެނި ހާމަވެގެން ދިޔަ އެއް ހަގީގަތަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާއްމު ސިއްހަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދުންފަތުގެ ވަބާގައި ޖެހިފައިވާ ކަމާއި އަދި އޭގެ ސަބަބުން ސިއްހީ މާލީ އަދި އިޖުތިމާއީ ގޮތުންވެސް ފޫނުބެއްދޭނެ ފަދަ ބޮޑެތި ގެއްލުންތައް ލިބެމުން އެބަދޭ،" އަބްދުއް ސަމަދު ވިދާޅުވި އެވެ.

ސަމަދު ވިދާޅުވީ، ދުންފަތް ކޮންޓުރޯލު ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ އެކަމަކީ ކޮންޓުރޯލް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ދުންފަތުން ދުރުހެލިވެ ދުޅަހެޔޮ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި އަމާޒަށް ވާސިލު ވުމަށް ސިއްހީ ދާއިރާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަރަށް ބޮޑު އިސްކަމެއް ދެއްވާ"، އަބްދުއް ސަމަދު ވިދާޅުވިއެވެ.

ސަމަދު ވިދާޅުވީ، މިދިޔަ އަހަރު ހިންގުނު "އައިޗޫޒް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިނަކީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ކެމްޕެއިނެއް ކަމަށެވެ. އަދި މި އަހަރު ތެރޭގައި ވެސް އެފަދަ ކާމިޔާބު އެހެން ކެމްޕެއިނެއް ކުރިއަށް ގެންދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އައިޗޫސް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިން ރިވިއުކޮށް އާ ކެމްޕެއިނެއް ރޭވުމަށް ހިޔާލު ބަދަލު ކުރުމަށް ބޭއްވި ފޯރަމްގެ ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ފޯރަމްގައި ވަނީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "އައިޗޫޒް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިންގައި ބައިވެރިވި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

"އައިޗޫސް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިން ރިވިއުކޮށް އާ ކެމްޕެއިނެއް ރޭވުމަށް ހިޔާލު ބަދަލު ކުރުމަށް ބޭއްވި ފޯރަމްގެ ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

ޔޫތު މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ "އައިޗޫޒް ލައިފު- ބޭނުމީ ދިރިއުޅެން" ކެމްޕެއިނަކީ އަކީ ދުންފަތާ ނުލައި ދިރިއުޅުމުގައި އުފަލުގައި އުޅެވޭނެކަން ހާމަކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ.

އެ ކެމްޕެއިން އިފްތިތާހުކޮށްފައިވަނީ 31 މޭއި 2015 ގައެވެ. އެ ކެމްޕެއިން ތެރެއިން ޒުވާނުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.