ކުވައިތުގައި ބާއްވާ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "އިންޓަނޭޝަނަލް ޕްރައިޒް ފޯ މެމޮރައިޒިން، ރިސައިޓޭޝަން އެންޑް ދަ ތަޖްވީދު އޮފް ދަ ހޮލީ ގުރްއާން" ގެ ނަމުގައި އަންނަ އޭޕްރިލް މަހު ބާއްވާ މުބާރާތުގައި ބައިވެރި ވާނީ އަރަބިއްޔާ ސްކޫލްގެ ދެ ދަރިވަރުން ކަމަށެވެ.

ތޭރަ އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ބާއްވާ މުބާރާތުގައި ހަތަރު ކެޓަގަރީއެއް ހިމެނޭ އިރު ރާއްޖޭން ބައިވެރި ވަނީ ދެ ކެޓަގަރީއެއްގަ އެވެ. އެއީ މުޅި ޤުރުއާން، ނުބަލައި ތަޖުވީދު މަގުން ކިޔެވުމުގެ ބަޔާއި މަޝްހޫރު ޤާރީންގެ ރާގުތަކަށް ދިގުކޮށް ކިޔެވުމުގެ ބައިގަ އެވެ.

މުޅި ޤުރުއާން، ނުބަލައި ތަޖުވީދުމަގުން ކިޔެވުމުގެ ބައިގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ އަލް ހާފިޒް ސުލްތާން މުޙައްމަދު ލަތީފެވެ. އަދި މަޝްހޫރު ގާރީންގެ ރާގުތަކަށް ދިގުކޮށް ކިޔެވުމުގެ ބައިގައި ބައިވެރި ވާނީ މުޙައްމަދު ނަބީޙު ރާޝިދެވެ.

ޤުރުއާން ކިޔެވުމުގެ ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ކުރިން ބައިވެރިވި ބައެއް ދަރިވަރުން ރަން ވަނަތައް ހޯދާފައި ވެއެވެ.