19 Jan 2016, 17:05
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މާދަމާ 10:00 އަށެވެ. އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް 30 ދުވަހުގެ މުއްދަތެއް އަދީބަށް ދީފައެވެ. މިހާރު އެ މުއްދަތު ވަނީ ހަމަވެފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެދުވަހުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް މާދަމާ އަދީބު ކޯޓަށް ހާޒިރުކުރާނެއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ވެެސް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ.
އަދީބުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލީ ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުރެ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 30، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުންޔަށް ދޫ ކުރި މައްސަލާގަ އެވެ.
އަދީބުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.