ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އަރިސް ބޭފުޅެއް ކަމުގައިވާ މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތަވާލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ.

ހާމިދުގެ މައްޗަށް އެ ދައުވާ އުފުލީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ އެ ގާނޫނުގެ ދަށުން އުފުލި ފުރަތަމަ ދައުވާ އެވެ.

ފުލުހުން ބުނީ ހާމިދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުންހުރި މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހާމިދު މިހާރު ހުރީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފައެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ މަނީލޯންޑަރިންގެ ކުށެއް ކުރުމަށް އުޅުމާއި ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމަށް ހިތްވަރުދިން މީހެއްގެ އަދަބަކީ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އެ އަދަބު ނޫންނަމަ ކުށުގެ އަމަލުހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.