19 Jan 2016, 16:38
ޕެރިސް (ޖެނުއަރީ 19): ކުރީގެ އިނގިރޭސި އަމީރާ، ޑަޔާނާ އަވަހާރަވުމުގެ ކުރިން އެންމެ ފަހުރޭ ހޭދަކުރެއްވި ފްރާންސުގެ ރިޓްޒް ހޮޓަލުގައި ރޯވެއްޖެ އެވެ.
އިމާރާތަށް ބައެއް ބަދަލުތައް ގެނައުމަށް ޓަކައި ބަންދުކޮށްފައިވާ ރިޓްޒް ހޮޓަލުގައި އަލިފާންރޯވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ލިބިފައިވާ ނުވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ހެނދުނުގެ ވަގުތެއްގައި ރޯވި އަލިފާން ނިންވުމުގައި 60 އަލިފާންނިއްވާ މީހުންނާއި 15 އަލިފާން ނިއްވާ އުޅަނދު ބޭނުންކޮށްފައިވެ އެވެ.
އިމާރާތް އާކުރުމަށް ޓަކައި ތިން އަހަރުވަންދެން ބަންދުކޮށްފައި ހުރުމަށް ފަހު ރިޓްޒް ހޮޓެލް ހުޅުވަން ހަމަޖެހިފައި އޮތީ މިއަހަރު އެވެ.
ރިޓްޒް ހޮޓެލަކީ 1997 ވަނަ އަހަރު ޕްރިންސެސް ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވުމުގެ ކުރިން އެންމެ ފަހުން ހުންނެވި ހޮޓެލެވެ. މީގެ އިތުރުން މަޝްހޫރު ކޮމެޑީ އެކްޓަރެއް ކަމަށްވާ ޗާލީ ޗެޕްލިން އާއި ވާހަކަ ލިޔުންތެރިއެއް ކަމަށްވާ އާނެސްޓް ހެމިންވޭ ވެސް އެހޮޓާ ބޭނުންކޮށްފައިވެ އެވެ. (ބީބީސީ)