މި މަހު 30ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބްގައި ވަކިކެންޑިޑޭޓަކު އިންތިހާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނާޒާއިޒު ގޮތުގައި ނުފޫޒުގެ ބޭނުން ނުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރާ ހަވާލާ ދެއްވައި ރައީސް އޮފީހުން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އަދި ދާއިރާތަކުގެ އިސް މަގާމުތަކަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވައި މަރްހަބާ ދަންނަވާ ކަމަށެވެ. އަދި އެ އިންތިހާބުގެ ފަހުގެ ނިންމުންތައް ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމުގެ ހައްގަކީ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ފަރުދީ ހައްގެއް ކަމަށާއި އެ ހައްގު އެ މަނިކުފާން ބޭނުންކުރައްވާނެ ކަމަށެވެ.
"އިސް މަގާމުތަކަކަށް އެމްޑީޕީ އިން މިބާއްވާ އިންތިހާބަކީ، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ޝައުޤުވެރިކަމާ އެކު ނަމޫނާއެއް ކަމަށް ދެކޭ އިންތިހާބަކަށް ހަދައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ޕާޓީގެ ވަގުތީ ރައީސް ކަމުގައި ވެސް ހުންނެވި އިބްރާހިމް ހުސެއިން ޒަކީ ރައީސް އޮފީސް ތެރެއިން ކެމްޕެއިން ކުރިއަށް ގެންދަވާ ކަމަށް އެމާގަމަށް ވާދަކުރައްވާ އަނެއް ކެނޑިޑޭޓް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވަނީ ވިދާޅުވެފަ އެވެ.