ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ވަރަށް އަރިސް މީހެއް ކަމުގައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާގޮންގު) ގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭނާގެ މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވާފައި ވަނީ އިއްޔެއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބިރުދެއްކުމުގެ މައްސަލައެކެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

ޝުމްބާ ގޮންގް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.

އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.