19 Jan 2016, 17:28
ރާއްޖެ ވަށާ ރިޔަލުގައި ބުރު ޖެހުމުގެ މެއިން ސްޕޮންސަރަކަށް އެލިއާ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ވެއްޖެ އެވެ.
ރާއްޖެ ވަށާއި ރިޔަލުގައި ދަތުރުކުރާ ޕްރޮގުރާމު އިންތިޒާމު ކުރާ އެޓޯލް ސެއިލާއާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތެއްގައި "ސަން"އިން ކުރި ސުވާލެއްގެ ޖަވާބުގައި އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް އަލާއު އަލީ ވިދާޅުވީ އެފަދަ ބޮޑު އިވެންޓެއްގައި އެލިއާ އިން ބައިވެރިވި ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އަބްދުލްޣަފޫރު އަލީ (ގައްބެ) އަކީ މިވަގުތު ރާއްޖޭގައި މޫދު ކުޅިވަރުގެ ދާއިރާއިން އެންމެ ފުންނާބު އުސް މީހާ ކަމަށާއި އޭނާ އަށް ރާއްޖެ ވަށާ ބުރު ޖެހޭނެ ކަމުގެ ޔަގީންކަން ކުންފުންޏަށް އެބަ އޮތް ކަމަށެވެ.
"ގައްބެއަކީ އިންޓަނޭޝަނަލް ކޮމްޕެޓިޝަންތަކުގައި ވެސް ވަނަވަނަ ހޯދާފައިވާ ބޭފުޅެއް. އެހެންވެ ގައްބެއާ އެޓޯލް ސެއިލާއާ އަޅުގަނޑުމެންނާ (އެލިއާ) ވާހަކަދެއްކީމަ މާ އުނދަގުލެއް ނުވި ގައްބެ ކުރަން އުޅޭ ކަންތައް ގަބޫލުކުރާކަށް،" އަލާއު ވިދާޅުވި އެވެ.
އަލާއު ވިދާޅުވީ މިއީ ރާއްޖޭގައި މިފަދަ ކަމެއް ދިވެއްސަކު ކުރަން އުޅޭ ފުރަތަމަ ފަހަރު ކަމަށާއި އަދި އެކަމުގެ ސަބަބުން ބޭރު ގައުމުތަކުގައި ރާއްޖެއަށް ބޮޑު އިޝްތިހާރެއް ލިބިގެންދާނެ ކަމަށެވެ.
"މިކަހަލަ ކަމެއްގައި އެންމެ އެކަށީގެން ވަނީ އެލިއާގެ ފަރާތުން ސްޕޮންސާ ކުރުން. އެއީ 40 އަހަރު ވެއްޖެ ދިވެހިރާއްޖޭގައި އައުޓުބޯޑު ގެންގުޅޭތާ. އެހެންވީމަ ދިވެހިރާއްޖެ ވަށާ ޖަހާއިރު ޔަމަހާ ސްޕޮންސާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކުންފުނިން ދެކެނީ،" އަލާއު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރާއްޖެ ވަށާ ދަތުރުކުރާ އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނީ އޭނާ ދަތުރު ކުރާނީ ރިޔަލުގައި ކަމަށާއި އެހެންކަމުން ދަތުރު ކުރުމުގައި ވަޔަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. އެހެންކަމުން ދަތުރުގައި ސީދާވާނެ ދުވަހެއް ބުނަން ދަތި ކަމަށް އޭނާ ބުންޏެވެ.
"އެސްޓިމޭޓެޑް ޑޭޓަކަށް މި ބަލަނީ ގާތްގަނޑަކަށް 20 ނުވަތަ 25 ޑޭސް. ދެން ބޮޑަށް މި ބަލަނީ މަންތެއް ކަމަށް،" ގައްބެ ބުންޏެވެ.
އޭނާ ބުނީ ދަތުރު ފަށާނީ މާލޭ އެއް ނަންބަރު ފާލަމުން ކަމަށެވެ. އަދި ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ވަށާލުމަށްފަހު ހއ. ތުރާކުލާ ދިމާލަށް ކަމަށް އޭނާ ބުންޏެވެ. އަދި ތުރާކުނާއި ހިސާބުން އަނބުރާ މާލެ އައުމަށް ދަތުރު ކުރާނެ ކަމަށް ގައްބެ ބުންޏެވެ.
އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް އަލާއު ވިދާޅުވީ ގައްބެ ކުރުމަށް ގަސްތުކޮށްފައިވާ މަސައްކަތަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާނެ ކަމެއް ކަމަށެވެ. އެހެންކަމުން ވައި ނެތް ދުވަހެއް ކުރިމަތިވެއްޖެ ނަމަ ދަތުރުކުރާ އޮޑި ރައްކާތެރި ހިސާބަކަށް ގެންދަންޖެހޭ ކަމަށެވެ.
"އެގޮތުން އެންމެ ޔަމަހާގެ ތިން ހޯސްޕަވަރުގެ އިންޖީނެއް ސޭފްޓީއަކަށް އަޅުގަނޑުމެން {އެލިއާ} އިން ގައްބެ އަށް އެބަ ދެން،" އޭނާ ވިދާޅުވި އެވެ.