19 Jan 2016, 23:10
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާޔަތެއްގެ ދަށުން ގައުމީ އަންހެން އެތުލެޓިކްސް ޓީމުވެސް ސަރުކާރުގެ ޚަރަދުގައި ސައުތު އޭޝިއަން ގޭމްސްއަށް ފޮނުވާގޮތަށް ނިންމައިފިއެވެ.
މިމަހު ތިން ވަނަ ދުވަހު ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސް ކުރި ގަރާރުގައި ސަރުކާރުގެ ޚަރަދުގައި ސައުތު އޭޝިއަން ގޭމްސްއަށް ފޮނުވުމަށް ހަމަޖެހިފައިވާ ލިސްޓްގައި އެތުލެޓިކްސްގެ އަންހެން ޓީމެއް ނުހިމެނެއެވެ.
ސަރުކާރުގެ ޚަރަދުގައި އެތުލެޓިކްސް އަންހެންޓީމު ގޭމްސްއަށް ފޮނުވާގޮތަށް ހަމޖެހުމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ޔާމިންގެ އެ ނިންމެވުމުން ދޭހަ ވަނީ ކުޅިވަރުގެ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ދެއްވާ އަހަމިއްޔަތު ކަމަށެވެ.
ޠޮލާލް ވިދާޅުވީ، ރައީސްގެ ނިންމެވުމާއެކު އެތުލެޓިކްސް ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށާއި ޓީމުގެ ފާރާތުން ރައީސްގެ ނިންމެވުމަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
އަދި މީގެ އިތުރުން ރައީސް ޔާމިންގެ ޚާއްސަ އިނާޔަތާއެކު ސަރުކާރުގެ ޚަރަދުގައި އަންހެން އެތުލެޓިކްސް ޓީމު ފޮނުވާގޮތަށް ނިންމެވުމަކީ ރާއްޖޭގެ އަންހެނުންގެ ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް ރައީސް ޔާމީން ދެއްވާ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޠޮލާލް ބުންޏެވެ.
މީގެ ކުރިން ރައީސް ޔާމީން ވަނީ، ސަރުކާރުގެ ޚަރަދުގައި ފޮނުވުމަށް ހަމަޖެހިފައިވާ ލިސްޓްގައި ނުހިމެނޭ ތިން ޓީމެއް ސަރުކާރުގެ ޚަރަދުގައިފޮނުއްވާގޮތަށް ނިންމަވާފައެވެ.
އެއީ އަންހެން ފުޓްބޯޅަ ޓީމާއި، އަންހެން ހޭންޑްބޯލް ޓީމާއި، ފިރިހެން ބާސްކެޓްބޯލް ޓީމެވެ.