19 Jan 2016, 16:42
ބ.އަތޮޅު އޭދަފުށީ ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ 12 ކްލާސްރޫމް އެޅުމަށް 9.3 މިލިއަން ރުފިޔާ އަށް މާރިސް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގު ޑިރެކްޓަރު މުހައްމަދު ސައީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ބ. އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅުތެރޭގައި ހިމެނޭ ސްކޫލްތަކުގެ ތެރެއިން އެހެންނިހެން ރަށްރަށުން، ނިސްބަތުން އެންމެ ގިނަ އަދަދަކަށް ކުދިން ކިޔަވަންދާ ސްކޫލެއް ކަމަށެވެ.
"...އެ ސުކޫލަށް ދިމާވަމުންދާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން... އެ ކުލާސްތައް އެޅިގެން ދިއުމާ އެކީގައި ސްކޫލުގެ ވަސީލަތް އިތުރަށް ފުރިހަމަވެ ކުދިންނަށް ދަތިކަމެއް ނެތި ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެ." ޝަފީއު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ 12 ކުލާސް ރޫމް އިމާރާތް ކުރުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރާއި ވޯލްޑު ބޭންކު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
"ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ 12 ކުލާސްރޫމް އެޅުމުގެ މަޝްރޫއަކީ، އެންހޭންސިންްގް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 12 ޕްރޮޖެކްޓު ތެރޭގައި ހިމެނޭ އެއް މަޝްރޫއު... އެންމެ ބޮޑު އުއްމީދަކީ 2017 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މި އިމާރާތުގެ މަސައްކަތް ނިމި އަޅުގަނޑުމެންނަށް ބޭނުން ކުރެވެން ފެށުން،" ޝަފީއު ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ 12 ކުލާސްރޫމް އެޅުމަށް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 330 ދުވަހަށެވެ.
ދެދަންފަޅިއަށް ކިޔަވާދޭ އެ ސްކޫލްގައި، އެލްކޭޖީ އިން ފެށިގެން ގުރޭޑު 12 އާ ހަމައަށް 800 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރެ އެވެ.