ލިވަޕޫލްގެ ކީޕަރު ބެލްޖިއަމްގެ ސިމޯން މިގްނޮލެޓް އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރު ދުވަހަށް އިތުރު ކޮށްފި އެވެ.

ސަންޑަލޭންޑް އިން 2013 ވަނަ އަހަރު ނުވަ މިލިއަން ޕައުންޑަށް ލިވަޕޫލްއާ ގުޅުނު ކީޕަރު މިގްނޮލެޓް އެ ޓީމާ އެކުހަދާފައިވާ އެއްބަސްވުން އިތުރުކުރުމަށް ފަހު ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އާ އެއްބަސްވުމާ އެއްކޮށް އޭނަގެ ޒިންމާ ވެސް ބޮޑުވެގެން ދާނޭ ކަމަށާއި މިދުވަސް ވަރަކީ އޭނާގެ އެންމެ މޮޅުކުޅުން ފެނިގެންދާނެ ދުވަސްވަރު ކަމަށް އޭނާ އުންމީދު ކުރާ ކަމަށެވެ.

"ހަމައެކަނި އަގައިން ބުނެލުމަކުން ނުފުދޭނެ. އަހަރެންނަށް އެގޭ އަހަރެންގެ ޒިންމާ ވަރަށް ބޮޑު ކަން. އެކަން އަހަރެން ސާބިތު ކޮށްދޭނަން ދަނޑު މަތިން. އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިހުރީ،" މިގްނޮލެޓް ބުންޏެވެ.

އުމުރުން 27 އަހަރުގެ ބެލްޖިއަމްގެ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު އާކޮންޓްރެކްޓްގައި ސޮއިކުރުމުން 2021 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނާނީ ލިވަޕޫލްގަ އެވެ.

އިންގްލިޝް ޕްރިމިއާ ލީގްގައި ލިވަޕޫލް ދެން އެންމެ އަވަހަށް ނިކުންނާނީ 23 ވަނަ ދުވަހު ނޯވިޗްސިޓީއާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނަ އިރު އެ ޓީމް މިވަގުތު އޮތީ ކުޅުނު 22 މެޗުން 31 ޕޮއިންޓް ލިބިގެން ތާވަލުގެ ނުވަ ވަނައިގަ އެވެ.