ދިރާގަށް ނިސްބަތްވާ ވަކިވަކި ފަރުދުން ފާޅުކުރާ ހިޔާލަކީ ދިރާގުން އެދޭ ގޮތް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ ޗެއާމަން އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ ރައީސް ނަޝީދާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އެތައް ބަޔަކު ދަނީ އަޝްމަލީ އާއި ދިރާގަށް ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން ދިރާގުން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ވަކިވަކި ފަރުދުންނާއި ޑައިރެކްޓަރުން ވެސް ފާޅުކުރާ އަމިއްލަ ހިޔާލާއި ފިކުރަކީ ދިރާގުން ދެކޭ ގޮތް ނޫން ކަމަށެވެ. ސޯޝަލް މީޑިއާގައި މިހާރު ކުރެވިގެންދާ ޕޯސްޓްތަކާ ގުޅިގެން ހިތާމަކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"ސޯޝަލް މީޑިއާގައި ކުރެވިގެންދާ ޕޯސްޓްތަކާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަ ކުރަން. ވަކިވަކި ފަރުދުން ނުވަތަ ޑައިރެކްޓަރުންގެ އަމިއްލަ ހިޔާލާއި ފިކުރަކީ އެއްވެސް ގޮތަކަށް ދިރާގު އެދޭ ގޮތެއް ނޫން، ދިރާގާއި ގުޅުވާފައި އެކަހަލަ ކޮމެންޓްތަކެއް ކޮށްފައިވާތީ އަޅުގަނޑުމެން އެކަމާވަރަށް ބޮޑަށް ހިތާމަ ކުރަން، އަހަރެމެން އަހަރެމެންގެ ހުރިހާ ކަސްޓަމަރުންގެ ވެސް އަގު ވަޒަން ކުރަން،" ދިރާގުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.