މާލޭ ޖަލުގައި ގައިދީންތަކެއް އަލިފާން ރޯކޮށްލައިފި އެވެ.

މިއަދު މެންދުރު 12:00 އެހާކަންހާއިރު، ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ޖަލުގައި އަލިފާން ރޯކޮށްލާފައި ވަނީ ގައިދީންތަކެއް ބަންދުކޮށްފައި ހުންނަ ތަނެއްގަ އެވެ. ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެތަނުގައި އަލީފާން ރޯ ކުރީ އެ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީންތަކެކެވެ. އަދި އެ މީހުން ޖަލުގެ އެހެން ހިސާބެއްގައި ވެސް މިއަދު އަލިފާން ރޯކުރަން މަސައްކަތް ކުރި ކަމަށް ވެއެވެ.

އަލިފާން ރޯކޮށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ފަސްވަރަކަށް ގައިދީން ވަނީ މާލެ ޖަލުން ނެރެގެން ފަޅުގައި އަޅާފައި އޮތް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޑޭޝަން ސާވިސަސް ]ޑީޕީއާރްއެސް[ އުޅަނދެއްގައި ވަނީ ގެންގޮސްފަ އެވެ. އަދި އެ އުޅަނދުގެ ތެރޭގައި ބަންދުކޮށްފައި ތިބި ގައިދީން "އަލީފާން ރޯކުރާނަން. އަދިވެސް ރޯކުރާނަން. ކޮންމެ ތަނެއްގައި ބަންދުކުރިޔަސް ތޅއިމނނ އަހަރުން ހުއްޓުވައެއް ނުލެވޭނެ،" ކަމަށް ގޮވާފައި ވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު އަބްދުﷲ އަލީ ވިދާޅުވީ ޖަލުގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާ ކަމަށާއި އަލިފާން ރޯވެފައި ވަނީ ޖަލުގައި ގޮދަޑި އާއި އެހެނިހެން ސާމާނުތަކެއް އެއްކޮށްފައި ހުރިތަނެއްގައި ކަމަށެވެ. ނަމަވެސް އެތަނުގައި ބަޔަކު އަލީފާން ރޯކުރީ ކަމެއް ދަންނަވަން ނޭންގޭ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ޑީޕީއާރްއެސްގެ ބަހެއް ލިބޭގޮތްވަނީ ނުވެފަ އެވެ.

---
12:27 ޑީޕީއާރްއެސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ބުނީ ޖަލުގެ ތެރޭގައި އަލިފާން ޖެހީ ގައިދީންތަކެއް ކަމަށާއި އެކަމަށް ޝައްކު ކުރެވޭ ފަސްވަރަކަށް ގައިދީން އެ ސަރައްދުގައި އޮތް އުޅަނދެއްގައި ދެންމެ ފުރުވާލާފައިވާ ކަމަށެވެ.

"އެމީހުން ގެންދިޔައީ ކޮންތާކަށް ކަމެއް ބުނެއެއް ނުދިން. ހަމައެކަނި ފުރުވާލި ކަމަށް ބުނަނީ. ޖަލުގެ ތެރެއިން ހަޅޭއްލަވާ އަޑު އިވެމުން ދޭ. އަނިޔާ ކުރަނީއޭ ގޮވާ އަޑު އިވޭ ކަމަށް ބައެއް މީހުން އެބަބުނޭ،"

12:22 މާލޭ ޖަލުގައި ތިބި ގައިދީންގެ ގިނަ ބަޔަކު އެ ސަރަހައްދުގެ ބަނދަރުގައި އޮތް އުޅަނދަކަށް ދެންމެ ވަނީ އަރުވާފަ އެވެ. ޖަލުގެ ތެރޭގައި ރަޔަޓް ގިޔަރު ފުލުހުން ހަރަކާތްތެރިވަމުންދާއިރު ގައިދީން ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އިވޭ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނެ އެވެ.

"ދާދި ދެންމެއަކު ފަޔާ ލޮރީވެސް ވަނީ ވައްދާފައި އެކަމަކު ދުމެއް ނުފެނޭ،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.

މާލޭ ޖަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލުގެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ރޯވީ ގޮދަޑިއެއްގައި ކަމަށެވެ. މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

(ތަފުސީލު އަންނަނީ)