19 Jan 2016, 14:12
ދިވެހި ސަޕޯޓަރުން މިފަހަރު އެއްބަސްވާ އެއްކަމެއް އެބަ އޮތެވެ. އެއީ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ އާދަޔާ ހިލާފު ހިތްވަރެވެ. ހަމަޖެހިލައިގެން ކުޅޭ ރީތި ކުޅުމެވެ. ބަންގުބަންދު ގޯލްޑް ކަޕުގައި ރާއްޖެ ހިމެނޭ ގްރޫޕުން އެއް ވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރުމުން ސަޕޯޓަރުން މިއަދު ތިބީ ހިތްހަމަޖެހިފަ އެވެ. ސެމީ ފައިނަލުގައި މިއަދު ހަވީރު 4:30ގައި ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ސަޕޯޓަރުން އުންމީދުތަކެއް ކުރެ އެވެ.
މުބާރާތުގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކުގެ ކުރީ ސަފުގައި ތިބި ފަސް ކުޅުންތެރިޔަކު މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ހާއްސަ މެސެޖުތަކެއް ސަޕޯޓަރުންނަށް ވަނީ ރައްދުކޮށްފަ އެވެ. ބަންގުލަދޭޝްގެ ވެރިރަށް ޑާކާއަށް ގޮސް ތިބި ގައުމީ ޓީމުގެ ޒުވާން ފޯވާޑުން ކަމަށްވާ ހަސަން ނާއިޒް (ދާދު) އާއި ހަމްޒަތު މުހައްމަދު (ހަންޕު)ގެ އިތުރުން އަހުމަދު އިމާޒު (އާއްކޮ) "ސަން"އާ ވާހަކަ ދައްކަމުން ބުނީ މިއަދުގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އެދުނީ ކާމިޔާބީއަށް އެދި ދުއާކޮށް ދިނުމެވެ.
ހަސަން ނާއިޒް (ދާދު)

އުމުރުން 19 އަހަރުގެ ދާދު ބުނީ ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ރާއްޖެ މިއަދު ކުޅޭ މެޗުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ލިބޭ ފުރުސަތުގެ ބޭނުން ހިފަން ކެތް މަދުވެފައިވާ ކަމަށާއި ދިވެހި ފުޓްބޯޅައިގެ ކުރިއެރުން އޮތީ ޒުވާނުންނާ އެކު ކަމަށް ޓީސީއަށް ކުޅެމުންދާ ދާދު ބުންޏެވެ.
މިއަދު މެޗު ފަސޭހައެއް ނުވާނެ. ވަރަށް ހާޑު ވޯކެއް އެއީ. ފުޓްބޯޅައިގެ ކުރިއެރުން މިއަދު އޮތީ ޒުވާނުންނަށް. އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުގެ ބޭނުން މި ހިފަނީ އެންމެ ރަނގަޅަށް. އިރާދަ ކުރެއްވިއްޔާ ކާމިޔާބު އޮތީ ހިތްވަރާ އެކު އަޅުގަނޑުމެން ކުރާ މަސައްކަތަށް،ހަސަން ނާއިޒް (ދާދު)
ހަމްޒަތު މުހައްމަދު (ހަންޕު)

ބ. އޭދަފުއްޓަށް އުފަން ހަންޕު ބުނީ މިއަދުގެ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ. އޭނާ ބުނީ ޒުވާން ގައުމީ ޓީމު ހޯދަމުންދާ ކާމިޔާބީތަކުގެ ސިއްރަކީ ޓީމުގެ އެތެރޭގައި އޮތް އެކުވެރިކަމުގެ ބަދަހިކަން ކަމަށެވެ.
ޒުވާން މި ޓީމުގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އޭގެ ސިއްރަކީ ޓީމުގެ ތެރޭގައި އޮތް އެކުވެރިކަމުގެ ގުޅުން. ސަޕޯޓަރުންނަށް ބުނެލަން އޮތީ ޓީމަށް ހިތްވަރު ލިބޭ ގޮތަށް ސަޕޯޓު ދެމުން ގެންދާށޭ. އިރާދަ ކުރެއްވިއްޔާ ކާމިޔާބު ލިބޭނެއުމުރުން 20 އަހަރުގެ ހަންޕު ބުންޏެވެ.
އަހުމަދު އިމާޒު (އާއްކޮ)

މާޒިޔާގެ ޒުވާން ފޯވާޑު އާއްކޮ ބުނީ މިއަދު ކުޅޭ މެޗުގައި ތަފާތު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށާއި ގައުމަށް ރީތި ނަން ހޯދަން ތައްޔާރަށް ތިބި ކަމަށެވެ. ކުޅުންތެރިންގެ އަޒުމަކީ ފައިނަލަށް ގޮސް މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް އާއްކޮ ބުންޏެވެ.
މި ޒުވާން ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް. ސަޕޯޓަރުން ހިތްވަރު އެލުވާނުލައި ސަޕޯޓު ދެއްވާތި. މިފަހަރު ވެސް ތަފާތު ދައްކާނަން،އުމުރުން 23 އަހަރުގެ އާއްކޮ ބުންޏެވެ.
ސަމޫއު އަލީ (ސަމުއްޓެ)

ގަތަރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ/ ޝިމާޒު އަލީ
ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު ބުނީ ޓީމު އޮތީ ފިޓުކޮށް ކަމަށާއި ޒުވާން ކުޅުންތެރިން ތިބީ ގައުމަށް ރީތި ނަން ހޯދަން ތައްޔާރަށް ކަމަށެވެ.
"ޓީމު އޮތީ ވަރަށް ފިޓުކޮށް، ޒުވާން ކުޅުންތެރިން ތިބީ ގައުމަށް ރީތި ނަން ހޯދަން ތައްޔާރަށް. ކާމިޔާބީ ލިބުމަށް އެދި ދުއާކޮށް ދެއްވާ،" އދ. މަހިބަދޫއަށް އުފަން އުމުރުން 19 އަހަރުގެ ސަމޫހު ބުންޏެވެ.
އަހުމަދު އަބްދުﷲ (ލިލީ)

ގައުމީ ޓީމުގެ ޑިފެންޑަރު ލީލީ ބުނީ ސަޕޯޓަރުން ހިތްހަމަޖެހޭވަރުގެ ނަތީޖާއެއް ނެރެދޭނެ ކަމަށާއި ގައުމީ ޓީމަށް ސަޕޯޓަރުންދޭ ހިތްވަރަށް ސާބަސް ރައްދު ކުރާ ކަމަށެވެ.
ރާއްޖެ އާއި ނޭޕާލުގެ ކުރިމަތިލުން: މިފަހަރު ވާނީ ކިހިނެއް؟
ނޭޕާލާއި ރާއްޖެ މިހާތަނަށް 14 ފަހަރު ބައްދަލުކޮށްފައިވާ އިރު، 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނޭޕާލަށް ރާއްޖެ ބަލިކުރެވިފައެއް ނެތެވެ. ރާއްޖެއިން ނޭޕާލް ހަތް ފަހަރު ބަލިކޮށްފަވާ އިރު، އެ ގައުމުން ވަނީ ރާއްޖެ ހަތަރު ފަހަރު ބަލިކޮށްފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އަހަރު އެވެ. ނަމަވެސް އޭރު ނޭޕާލާ ދެކޮޅަށް ކުޅުނު މޮޅު ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެ އެވެ. ގައުމީ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން ކަމުގައިވުމުން، އެ މެޗުގެ ތަޖުރިބާއެއް މިފަހަރުގެ ޓީމުގައި ނޯންނާނެ އެވެ.