19 Jan 2016, 13:37
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ފޮނުވީ ބައެއް ގައުމުތަކުގެ އިސްބޭފުޅުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުތަކާ ގުޅިގެނެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވީ ދަތުރުތަކާ ކައިރިކޮށް ނަޝީދަށް ހުއްދަ ދެއްވުން އެއީ 'ކަންދިމާވިގޮތް' ކަމަށެވެ.
"...އާދެ، އަޅުގަނޑަށް ވެސް އިނގޭ ވަރަށް މިދަތުރުތަކާ ކައިރިކޮށްކަން މިނިންމުން މި ފެނިވަޑައިގެން ތިޔަ ދިޔައީ. ދެން މީ ކަންދިމާވިގޮތް ކަންނޭނގެ،" ދުންޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަ ދިނީ ރައީސް ނަޝީދު އެކަމަށް އަލުން، ލިއުމުން އެދިވަޑައިގެންނެވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަޝީދަށް ހުއްދަ ދިނީ ސަރުކާރުން އެކަމުގައި ގެންގުޅުނު ވިސްނުން ބަދަލުވެގެންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ސަރުކާރުގެ 'ސްޓޭންޑް ބަދަލުނުވާ' ކަމަށެވެ.
"...މީގައި އަޅުގަނޑުމެން ދަންނަވާނީ ކޮންމެހެން އަޅުގަނޑުމެންގެ ސްޓޭންޑް މީގައި ބަދަލުވީކީ ނޫނޭ. އަޅުގަނޑުމެން ދެކޭ ގޮތުގައި ހަމަ ގައިދީއެކޭ. އަޅުގަނޑުމެން ދެކޭ ގޮތުގައި ޓައިމް ސާވްކުރައްވަމުން އެ ގެންދަވަނީ. އެހެންވީމާ މީ ސްޕެޝަލް ލީވްއެކޭ ވަކި މުއްދަތަކަށްދޭ،" ދުންޔާ ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީއާއި ސްރީލަންކާގެ ދެ މިނިސްޓަރަކާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ދާދިފަހުން ކުރެއްވި ދަތުރުފުޅަކީ ކުއްލިއަކަށް ކުރެއްވި ދަތުރުފުޅުތަކެއް ނޫން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުފުޅުތަކަކީ ކުރިން ހަމަޖެހިފައި ހުރި ދަތުރުފުޅުތަކެއް ކަމަށެވެ. އަދި އެ ދަތުރުފުޅުތަކުގައި އެގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.