އެފްއޭއެމްގެ އިންތީޚާބުގައި ކުރިމަތިވެފައިވަނިކޮށް ކުޅިވަރުގެ ގައުމީ މަޖިލީހުން ފާސް ކުރި ގަރާރަކީ ކުޅިވަރަށް ޚާއްސަކޮށް ހެދި ގަރާރެއް ނޫން ކަމަށާއި އެއީ ވަކި މީހަކަށް ހެޔޮވަރުކޮށް ފެއްސި ހެދުމެއް ކަމަށް އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) ވިދާޅުވެއްޖެ އެވެ.

ކުޅިވަރު މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ގަރާރުގައި ބުނެފައި ވަނީ އޮލިމްޕިކް ކޮމިޓިގެ ރިޔާސަތު ބަލަހައްޓާ މީހަކަށް އެއްވެސް އެސޯސިއޭޝަނެއްގެ ރިޔާސަތު ބަލަހައްޓާ މަގާމެއްގައި ނުހުރެވޭނެ ކަމަށެވެ.

އެހެންވެއްޖެ ނަމަ އެފްއޭއެމްގެ އިންތީޚާބުގައި ޝާވީދު ވާދަ ކުރައްވާ ނަމަ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ.

އެގަރާރު ޔޫތު މިނިސްޓްރީ އިން މިމަހު ނެރަފައި ވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ހުންނަ މީހަކު އެހެން އެސޯސިއޭޝަނެއްގެ އިންތިޚާބުގައި ވާދަ ކުރެވޭނީ އެ މަގާމުން އިންސތިއުފާދިންތާ ހަ މަސް ފަހުން ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހު ނެރުނު ގަރާޜުން ވަނީ ހަ މަހުގެ މުއްދަތު ހިމެނޭ ބައި އުނިކޮށްފަ އެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ ކުރިން ނެރުނު ގަރާރަކީ "އިދާރީ އޮޅުމަކުން" ނެރެފައިވާ ގަރާރެއް ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ސަން އިން މަރޭއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އޭނާއަކީ ކުޅިވަރަށް ހުސްވެގެން ހުރި މީހެއް ކަމަށާއި އެގަރާރަކީ ކުޅިވަރަށް ޚާއްސަ ގަރާރެއް ނަމަ އެނާ އެގަރާރާ މެދު ވިސްނާނެ ކަމަށެވެ. ނަމަވެސް އެއީ ވަކި މީހަކަށް ހެޔޮވަރުކޮށް ފާހާފައިވާ ހެދުމެއް ކަމަށް މަރޭ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑަކަށް ނެތް ތިކަމާ ވިސްނާކަށް ވަގުތެއް. އަޅުގަނޑަކީ ކުޅިވަރަށް ހުސްވެގެން ހުރި މީހެއް. އެއީ ކުޅިވަރަށް ހެދި ގަރާރެއް ނަމަ އަޅުގަނޑު ވެސް ބަލާނަން. ނަމަވެސް އެއީ ވަކި މީހަކަށް ހެޔޮވަރުކޮށް ފަހާފައިވާ ހެދުމެއް. ހެޔޮވަރު ކުރުމަށް ޓަކައި ދާނީ އަބަދު ވެސް ފަތިޖަހަމުން. އަނެއްކާ ހެޔޮވަރު ނުވެއްޖެ ނަމަ އިތުރު ފައްޗެއް ޖަހާނެ. ކަމުނުގޮސްފިއްޔާ ޖެހި ފަތި އަލުން ކޮށާލާނެ. އެހެން ނޫންތޯ ފެނިގެން މިދަނީ" މަރޭ ވިދާޅުވި އެވެ.

އޭނާ ވިދާލުވީ މޯލްޑްވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އުފެދިފައި ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަމަށާއި އެމްއޯސީ އެކްސްކޯގައި ގިނައިން ތިއްބަވަނީ އެސޯސިއޭޝަންތަކުގެ ރައީސުން ކަމަށެވެ.

އެހެންވެ ރައީސް ވެސް ކަނޑައަޅަނީ އެކްސްކޯ އަށް އަންނަ މެންބަރުންގެ ތެރެއިން ކަމަށާއި އެހެންވެ އެމްއޯސީގެ ރިޔާސަތު ބަލަހައްޓާނީ ވެސް އެސޯސިއޭޝަނެއްގެ ރައީސް ކަމަށް މަރުޒޫޤް ވިދާޅުވި އެވެ.