ރ. ދުވާފަރުގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓުމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއަކުން ވަޒަންތަކެއް ފެނުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލި އިރު އަނެއް ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ. ހަތަރު ވަނަ މީހާގެ ބަންދުގެ މުއްދަތު ހަމަވަނީ މާދަމާ އެވެ.

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން ސިފައިންނަށް އެކަން ވަނީ އަންގައިފަ އެވެ. އަދި ފުލުހުންނާ އެކު އޮޕަރޭޝަންތަކުގައި ސިފައިން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.