19 Jan 2016, 13:06
ޔޫއެން (ޖެނުއަރީ 19): ވާރޭ ނުވެހުމުހުގެ ސަބަބުން ދަނޑުގޮވާން ކުރުމަށް ދަތިވެ، ގިނަ ބަޔަކަށް ކާނާ ނުލިބި، ދެކުނު އެފްރިކާގެ 14 މިލިއަން ވަރަކަށް މީހުން ބަނޑަށް ޖެހިފައިވާ ކަމަށް ޔޫއެން އިން ބުނެފި އެވެ.
ޔޫއެންގެ ކާނާއާއި ބެހޭ، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަހަރު ތެރޭގައި ބަނޑަށް ޖެހިފައިވާ މީހުން އިތުރުވުން އެކަށީގެންވެ އެވެ.
"ވާރޭ ނުވެހުމުގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ މަލާވީ (2.8 މިލިއަން މީހުން ބަނޑަށް ޖެހިފައި)، މަޑަގަސްކަރަ (1.9 މިލިއަނާ ގާތްކުރާވަރަށް) އަދި ޒިމްބާބުވޭ (1.5 މިލިއަން). މިދިޔަ އަހަރު އެގައުމުތަކުން އުފެއްދި ކާނާގެ މިންވަރު ވަނީ 2014 ވަނަ އަހަރާ އަޅާބަލާ އިރު ދެބައި ކުޅަ އެއްބަޔަށް ވެއްޓިފައި،" ޑަބްލިއުއެފްޕީގެ ބަޔާނުގައިވެ އެވެ.
އަދި ކާނާ އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުން ދެކުނު އެފްރިކާގައި ކާނާގެ އަގު ވަނީ އިންތިހާއަށް މަތިވެފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ އިތިއޯޕިއާ އަށް މިދިޔަ އަހަރުވީ ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ކާނާ އެންމެ މަދުން އުފެއްދުނު އަހަރަށެވެ. އެގައުމުގައި ބަނޑަށް ޖެހިފައިވާ 400،000 ކުދިން ތިބި ކަމަށް ޔޫއެން އިން ބުންޏެވެ.
ދެކުނު އެފްރިކާގެ މޫސުމަށް އެހާބޮޑު ބަދަލެއް އައިސްފައިވަނީ މިދިޔަ އަހަރުގެ އެލް ނީނޯގެ ސަބަބުންނެވެ. އެލް ނީނޯ އަކީ ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެކެވެ. މިދިޔަ އަހަރުގެ އެލް ނީނޯ އަކީ ފާއިތުވި 15 އަހަރުތެރޭގައި ދުނިޔެ ތަޖުރިބާ ކުރި އެންމެ ވަރުގަދަ އެލްނީނޯ ކަމަށް ޔޫއެންގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ. (އަލްޖަޒީރާ)