19 Jan 2016, 13:12
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގު މިނިވަން އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަހުގީގަކަށް ހަދައި ދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނާއި (އެޗްއާރްސީއެމް) ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ރިލްވާންގެ އާއިލާއިން ބުނެފި އެވެ.
ރިލްވާންގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން މިނިވަން ނޫހުގެ ނޫސްވެރިޔާ ޒަހީނާ ރަޝީދު މިއަދު ބުނީ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ ތަހުގީގު ކުރަމުންދާ އިރު އެ ތަހުގީގު ވެސް ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ވެގެން ދިޔަ ގޮތް ވެދާނެތީ ކަންބޮޑުވާ ކަމަށެވެ.
"އެ ތަހުގިީގުގައި [ޑރ. އަފްރާޝީމް އަލީގެ ތަހުގީގު] ވެސް ފުލުހުން ވިދާޅުވެފައިވޭ ކުރީބައިގައި ރޭވިގެން ސިޔާސީ މަގުސަދެއްގައި ކޮށްފައި އޮތް ކަމަށް. އެކަމަކު އެ ތަހުގީގުގައި ވެސް ހަމައެކަނި އެކަން ކުރި މީހާ ނޫނީ އެކަން ކުރިކަމަށް ޝައްކު ކުރެވޭ މީހާ އެކަނި މިއަދާ ހަމައަށް ވެސް ބަންދު ކުރެވިފައި ވަނީ. އަދި މި ސިޔާސީ މަގުސަދެއްގައި ރޭވިގެން ހިންގި ކަމެއް ކަމަށްވާ އިރު އޭގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް ހޯދިފައެއް ނުވޭ،" ޒަހީނާ ބުންޏެވެ.
ޒަހީނާ ބުނީ ރިލްވާންގެ ތަހުގީގަކީ މިނިވަން އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަހުގީގަކަށް ހެދުމަށް އެޗްއާރްސީއެމާއި އެންއައިސީގެ ވަރަށް ބޮޑު ރޯލެއްވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާކުރަން ރައީސް ޔާމީން ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރިލްވާންގެ ތަހުގީގު ވީހާ ވެސް އަވަހަކަށް ނިންމައި މައްސަލައިގެ ކުރިއެރުމެއް ހޯދަން. ދެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވޭ އަލުން މި މައްސަލަ މުރާޖާ ކުރާ ކަހަލަ ވާހަކައެއް،" ޒަހީނާ ބުންޏެވެ.
ރިލްވާންގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އޭނާގެ އާއިލާއިން ރައީސް އަބްދުﷲ ޔާމީނަށް ވަނީ ސިޓީއެއް ވެސް ހުށަހަޅައިފަ އެވެ. އަދި އެ ސިޓީ ރައީސް ޔާމީނަށް ލިބިވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ރައީސް ޔާމީން ވަނީ ރިލްވާން ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރަށް އަންގަވައިފަ އެވެ.