ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރެފްރީންގެ ތެރެއިން މި އަހަރު ދުނިޔޭގެ ފުޓްބޯޅަ ޖަމްޢިއްޔާ، ފީފާގެ ރެފްރީ ބެޖް ލިބުނު ރެފްރީންނަށް ބެޖު ހަވާލުކޮށްދެއްވައިފަި އެވެ.

ފީފާ ބެޖް ހަވާލު ކޮށްދެއްވުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތިން ރެފްރީންނަށް ބެޖު ހަވާލު ކޮށްދެއްވީ އެފްއޭއެމްގެ ޖެނަރަލް ސެކްޓްރީ ބައްސާމު އާދިލް ޖަލީލް އެވެ.

މި އަހަރު ފީފާގެ ބެޖު ލިބުނު ތިން ރެފެރީންނަކީ މުހައްމަދު ޖާވިޒް އާއި އާދަމް ފަޒީލްގެ އިތުރުން އިސްމާއިލް އިޒުހާން އެވެ.

ބެޖު ހަވާލު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަަވަމުން އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު އަމީޒް ވިދާޅުވީ މިދިޔަ އަހަރަކީ ފީފާ ރެފްރީން ހޮވުމަށް އެފްއޭއެމް އަށް ބޮޑު ޗެލެންޖަކަށްވި އަހަރެއް ކަމަށާއި ފީފާ އިން ރާއްޖެ އަށް ދީފައިވާ ފަސް ފުރުސަތަށް ހަތް ރެފްރީއަކު ވާދަކުރި ކަމަށެވެ.

"ފީފާގެ ބެޖު ހޯދުމަށް އެދުނު ރެފްރީންގެ ތެރެއިން އަނޅުގަޑުމެން މި ހޮވީ ހިދުމަތަށާއި އޭގެ އިތުރުން މުޅި އަހަރުގެ މެޗުތަކުގެ ފެންވަރަށް ބަލާފައި އެންމެ ރަނގަޅު ފަސް ރެފްރީން،" އަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާގެ ރެފްރީންގެ ގޮތުގައި ތިއްބަވާ ރެފްރީންނަށް ވަކި އުމުރެއް ކަނޑައަޅާފައިވީ ނަމަވެސް މިހާރު ވަނީ އެ އުމުރު އުވާލާފައި ކަމަށާއި މިހާރު ބަލަނީ އެ ރެފްރީއެއްގެ ފިޓްނަސް ލެވެލް އަށް ކަމަށެވެ.

އެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ އެ ބޭފުންގެ އަމާޒަކީ މިހާރަށް ވުރެން ގިނަ ރެފްރީންތަކަކަށް ފީފާގެ ބެޖު ހޯދައިދުނުން ކަމަށާއި އެކަން ކުރެވޭނީ ރެފްރީންނަށް ދެވޭ ހިދުމަތްތައް ވެސް ރަނގަޅު ކޮށްގެން ކަމަށެވެ.

"މީގެ ކުރިން ރެފްރީންނަށް ދެވޭ ހިދުމަތްތަކުގެ ދޯދިޔާ ވާހަކަ ދެކެވެމުންދޭ. އަޅުގަނޑުމެން މިދަނީ ރެފްރީސް ޑިޕާޓްމެންޓާ ވަރަށް ކައިރިން މަސަތްކަތްކޮށް އެ ބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއް ވަމުން،" ބައްސާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރީ އަހަރުތަކާ އަޅާބަލާ އިރު ވޭތުވެ ދިޔަ އަހަރު އެފްއޭއެމް އިން ވަރަށް ގިނަ ކަންތައްތަކެއް ރެފްރީންނަށް ކޮށްދެއްވާފައިވާ ކަމަށާއި މި އަހަރު ވެސް ވަރަށް ގިނަ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.