18 Apr 2011, 12:13
ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ ގާރީ ހުސައިން ތައުފީގުގެ މައްސަލަ ތަހުގީގުކޮށް ޕޮރޮސެކިއުޓާ ޖެނަރަލް ]ޕީޖީ[ އަށް ފޮނުވައިފި އެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކުޑަކުދިންތަކަކާއެކު ގަދަކަމުން ބަދައަހުލާގީ އަމަލް ހިންގި ކަމަށް ތުހުމަތުކުރާ މ. ޑްރީމީލައިޓް ހުސައިން ތައުފީގުގެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ގުރުއާން މުދައްރިސެއްގެ ގޮތުގައި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގަ އާއި ގުރުއާނާބެހޭ މަރުކަޒުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން އައި ގާރީ ތައުފީގުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާ އިރު، އެނާ މީހަރު ވަނީ ބަންދުން ވީއްލާފަ އެވެ.
އިމާމްވެ ހުކުރުކުރުމާއި ތަޖުވީދު މަގަށް ގުރުއާން ކިޔަވައިދިނުމުގެ ޕްރްގްރާތަކެއް ގައުމީ ޓީވީ މެދުވެރިކޮށް ހުށަހަޅަމުން އައި ގާރީ ތައުފީގު ކުޑަކުދިންތަކަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލަ ފެންމަތިވެ، އެކަމުގެ ޝަކުވާތައް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅުމާ ގުޅިގެން ގާރީ ތައުފީގު ހައްޔަރު ކުރީ އޮގަސްޓް 17، 2010 އެވެ. އަދި އޭނާ ބައްދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްގެން މަހެއްހާ ދުވަސް ވަންދެން ފުލުހުން ވަނީ ތަހުގީގުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.