ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ޓީމްގައި ހިމެނޭ އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލު އަދި ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީގެ އަންހެނުން އާމާލް ކްލޫނީ ދައްކާ ވާހަކަތަކަށް ދުނިޔޭގެ ގައުމުތަކުން ނުހެއްލުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ޑިމޮކްރަސީ މަރުވެފައިވާ ކަމަށް ބުނެ އާމާލް ދައްކާފައިވާ ވާހަކަތަކަށް ރައްދުދެއްވައިި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފައިވާ އާމާލު ގޮސް ކިޔައިދޭ ވާހަކަތަކަށް ނުހެއްލުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވައިލައްވާ ކަމަށެވެ.

ނަޝީދު އިސްތިއުފާ ދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ބަޔަކު ނަޝީދު އިސްތިއުފާ ދެއްވުމަށް ކުރި ޕްރެޝަރާ ގުޅިގެންނެވެ. އަދި އެ މައްސަލާގައި ދައުލަތުން ނަޝީދުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. އަދި ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ވަނީ މިދިޔަ މާޗު މަހު ހުކުމްކޮށްފަ އެވެ.

ނަޝީދުގެ ބޭސް ފަރުވާއަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ނަޝީދަށް ސަރުކާރުން ވަނީ 45 ދުވަސް ދީފަ އެވެ. އެ މަނިކުފާނު ކަލަމްބޯ ބަގުން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ ރެ އެވެ.