ސައުދީ އަރަބިއްޔާ އަށް އުމުރާއަށް ދިއުމަށް ކޮންމެ މީހަކަށް ވެސް ދޫކުރަނީ 15 ދުވަހުގެ ވިސާއެއް ކަމަށާއި އޭގެ އިތުރަށް އުމުރާގައި އުޅުމަށް ހުއްދަ ދޫކުރާކަން އެނގިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އުމުރާގައި ހޭދަކުރުމަށް 15 ދުވަހުގެ ވިސާ ސައުދީއިންދޭ އިރު 30 ދުވަހުގެ އުމުރާގެ ދަތުރުތައް ދޭކަމަށް ބުނެދަނީ ރާއްޖޭގެ ބައެއް ޖަމާއަތްތަކުން ދަނީ އިސްތިހާރު ކުރަމުންނެވެ. އަދި 30 ދުވަހުގެ އުމުރާއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުގެ އަތުން އަންނަނީ ފައިސާ ނަގަމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވި މިއަދު ސަން އަށް ވިދާޅުވީ ސައުދީ އިން ހުއްދަ ދޫކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށް ކަމަށާއި އެހެންކަމުން ބައެއް ޖަމާއަތްތަކުން 30 ދުވަހުގެ އުމުރާގެ ފުރުސަތުދޭ ކަމަށް ދެކެވޭ ވާހަކަތައް ބަލަމުން އަންނަ ކަމަށެވެ.

ފަނަރަ ދުވަހަށް ވުރެ އިތުރަށް އުމުރާގެ ވިސާ ލިބުމަކީ ރަސްމީކޮށް ހިނގަމުން އަންނަ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމުން ދެރަ ކަމެއް މެދުވެރިވެދާނެ ކަަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

"[ސައުދީ އަށް] ގޮސްގެން މައްސަލަ ޖެހިއްޖެއްޔާ ދިވެހި ރައްޔިތުންތަކެއް ހާލުގައި ޖެހޭނީ، އެހެންވީމާ އުމުރާއަށް ފައިސާ ދައްކާ ހުރިހާ ބޭފުޅުން ވެސް ކަށަވަރު ކުރާށޭ މިނިސްޓްރީ އިން މިނިސްޓްރީން ހުއްދަ ދީފައި އޮތް މުއްދަތު [15 ދުވަސް] އެއީޔޭ ރަނގަޅު ގޮތަކީ." ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ހުރިހާ ގައުމުތައް ވެސް އުމުރާގެ ވިސާ ދޫކުރަނީ 15 ދުވަހަށް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.