19 Jan 2016, 11:12
އައިފޯން 6އެސް އަދި 6އެސް ޕްލަސްގެ ބެޓެރީ ލެވެލް ނުބައިކޮށް ދައްކާ މައްސަލައެއް އެޕަލް ކުންފުނިން ތަހްޤީޤު ކުރަން ފަށައިފި އެވެ.
އެޕަލްއިން ބުނެފައި ވަނީ، އައިފޯން 6އެސް އަދި 6އެސް ޕްލަސްގެ ބެޓެރީގައި ބަގްއެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ފޯނުތައް ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ، ފޯނުގެ ސްކްރީނުން ދައްކާ ބެޓެރީ ލެވެލް ސްޓަކް ވެފައި ހުންނަ ކަމާއި އަސްލު ބެޓެރީގައި ހުރި ޗާޖުގެ މިންވަރަކީ، ފޯނުން ދައްކާ މިންވަރަށް ވުރެ ދަށް މިންވަރެއް ކަމުގެ ޝަކުވާ ކޮށްފަ އެވެ.
ބެލެވޭ ގޮތުގައި މި ބަގް ނުވަތަ މައްސަލަ ދިމާ ވަނީ ފޯނުގެ ޓައިމްޒޯނު ބަދަލުވުމާއި ގުޅިގެންނެވެ. ފޯނުގެ ޓައިމްޒޯން މެނުއަލްކޮށް ބަދަލު ކުރުމުން، ނުވަތަ ދަތުރެއްގެ މަތީގައި އުޅޭ އިރު އޮޓޮމެޓިކުން ބަދަލުވެއްޖެ ނަމަ، ފޯނުގެ ބެޓެރީގެ ޗާޖު ހުރި މިންވަރު އަޕްޑޭޓު ނުވާ މައްސަލަ ދިމާވެ އެވެ.
އެޕަލްއިން ބުނާ ގޮތުގައި، މި މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް ވަނީ މީގެ ކުރިން އައިސްފަ އެވެ. އަދި އެ ކުންފުނިން ދަނީ، މައްސަލަ ދިމާވާން މެދުވެރިވާ ސަބަބާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި ފޯނު ރީސެޓް ކުރުމަށް ފަހު ސެޓިންގްސްއަށް ގޮސް، ޑޭޓް އެންޑް ޓައިމް ސެޓިންގްސްގައި ފޯނުގެ ގަޑި އޮޓޯމެޓިކުން ސެޓު ވާ ގޮތަށް ހެދުމަށް އެޕަލްއިން އިރުޝާދު ދީފައި ވެ އެވެ. މައްސަލައަށް ދާއިމީ ހައްލެއް، ސޮފްޓްވެއާ އަޕްޑޭޓަކާއި އެކު އެޕަލްއިން ހޯދައިދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.