ލަންޑަން (ޖެނުއަރީ 19): ދެ އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވަންދެން އިނގިރެސިވިލާތުގައި ދިރިއުޅެފައިވާ އެހެން ގައުމުތަކުގެ މުސްލިމުންނަށް އިނގިރޭސި އެނގޭ މިންވަރު ބެލުމަށްދޭ ޓެސްޓަކުން ފާސްނުވެއްޖެ ނަމަ، އިނގިރޭސިވިލާތް ދޫކޮށް ދާންޖެހިދާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

ޓައިމްސް ނޫހުގައި ލިޔުއްވަމުން ކެމެރަން ވިދާޅުވީ އިނގިރޭސި މުޖުތަމައުގައި މުސްލިމު އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި އެމީހުންނާ ދޭތެރޭ ކުރާ ޖިންސީ ތަފާތު ކުރުންތަކަށް ހުއްޓުމެއް ގެނައުމަށް މުސްލިމް އަންހެނުން އިނގިރޭސި ބަސް ދަސްކުރުން މުހިއްމު ކަމަށެވެ.

އަދި އެއީ ބައެއް މުސްލިމު ފިރިހެނުން ގެންގުޅޭ އަންހެނުންގެ މައްޗަށް "ނުރައްކާތެރި މިންވަރަށް ބާރުފޯރުވުމުގެ" މިޒާޖަށް ހުއްޓުމެއް ގެނުވާނޭ ފިޔަވަޅެއް ކަމަށް ވެސް ކެމެރަން ވިދާޅުވި އެވެ.

ކެމެރަން ވިދާޅުވީ، ކައިވެނި ވިސާ ބޭނުންކޮށްގެން އިނގިރޭސިވިލާތަށް ދާ އަންހެނުން އެގައުމުގައި ދެ އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ހޭދަ ކުރުމުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށް ޓެސްޓެއް ދޭނެ ކަމަށެވެ. އަދި އެޓެސްޓުން ފާސްނުވެއްޖެ ނަމަ ގައުމު ދޫކޮށް ދާން ޖެހިދާނެ ކަމަށެވެ.

"ވަރަށް ކުޑަކޮށް އިނގިރޭސި ބަސް އިނގޭ ނުވަތަ އެއްވެސް ވަރަކަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ މީހުން އެބައާދެ މިގައުމަށް. މީގެ ކުރިން އިނގިރޭސި ބަހަށް ފަރިތަކުރުމަށް އެއްވެސް ވަރަކަށް ބާރު ނޭޅިޔަސް މިހާރު އަޅުގަނޑުމެން އެކަން ބަދަލުކުރާނަން. އަޅުގަނޑުމެން ބުނާނަން: އިނގިރޭސި ބަހަށް ފަރިތަނޫން ނަމަ، މިގައުމު ދޫކޮށްފައި ދާން ޖެހިދާނެއޭ،" ކެމެރަން ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި އެތައް އަހަރުތަކެއް ވަންދެން ދިރިއުޅެފައިވާ މުސްލިމު އަންހެނުންގެ ތެރެއިން 199،000 އަންހެނުންނަށް ނުވަތަ 22 ޕަސެންޓް އަންހެނުންނަށް އިނގިރޭސި ބަހުން ވާހަކަ ދެއްކެނީ ވަރަށް ކުޑަކޮށް ކަމަށާއި 40،000 އަންހެނުންނަށް އެއްވެސް ވަރަކަށް އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ކެމެރަން ފާހަގަ ކުރެއްވި އެވެ. (ރޮއިޓާސް)