19 Jan 2016, 10:24
އީރާނާއި ސައޫދީ އަރަބިޔާއާ ދެމެދު ކޯޅުންތަކާއި އަރާރުންތައް ބޮޑުވެފައިވާ މިދަނޑިވަޅުގައި އެ ދެގައުމު ސުލްޙަކުރުވުމުގައި މެދުވެރިއެއްގެބައި އަދާކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފު ސައޫދީ އަރަބިޔާއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ދެބޭފުޅުންގެ މަޝްވަރާތައް ކުރިޔަށްގެންދެވީ އީރާނާއި ސައޫދީ ސުލްޙަ ކުރުވުމުގައި ޕާކިސްތާން އަދާކުރާ ދައުރަށް ސައޫދީ ސަރުކާރުގެ ތާއީދު ހޯދުމުގެ ގޮތުންނެވެ. ސައޫދީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަވާޒް ޝަރީފު މާދަމާ އީރާނަށް ވަޑައިގެން އެގައުމުގެ ރައީސް ހަސަން ރޫޙާނީއާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސައޫދީ އަރަބިޔާއިން އެގައުމުގެ ޝިޔައީ އިސް ދަންނަބޭކަލެއްކަމަށްވާ ޝައިޚް ނިމްރު ބާގިރް އައްނިމްރު އަށް ދާދިފަހުން މަރުގެ އަދަބުދިން މައްސަލާގައި ރުޅިއައިސްފައިވާ އީރާނުގެ ބަޔަކު އީރާނުގައިވާ ސައޫދީ އެންބަސީގައި ހުޅުޖެހުމާ ގުޅިގެން ދެގައުމުގެ ދެމެދުގައިވާ އަރާރުންތައްވަނީ ކޮންޓްރޯލުން ނައްޓާ ހިސާބަށް ގޮސްފަ އެވެ. ްއެމައްސަލާގައި ސައޫދީން ވަނީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން ދަތުރުފަތުރާ އަދި ވިޔަފާރީގެ ގުޅުންތައް ވެސް ކަނޑާލާފަ އެވެ.
މީގެއިތުރުން ސައޫދީގެ މާލީ އެހީ ލިބޭ އިސްލާމީ ކުދި ބައެއް ގައުމުތަކަށް ސައޫދީ ސަރުކާރުން ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން އެފަދަ ބައެއްގައުމުތައް ވެސް ވަނީ ސައޫދީ އަށް ހަމްދަރްދީ ފާޅުކޮށް އީރާނާ ގުޅުންތައް ކަނޑާލާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދީންގެ ނުފޫޒު ހިނގާ ބަހްރައިންއާއި ޔޫއޭއީ ގެ އިތުރުން ސައޫދީންގެ މާލީ އެހީއަށް ބޭނުންވާ ސޫދާން އާއި ޖިބޫތީ އާއި ކޮމޯރޯސް ފަދަ ފަގީރު ގައުމުތަކެވެ.
އީރާނާ ސައޫދީ ގެ އަރާރުތައް އެންމެ ބޮޑުވީ މީގެ ތިންހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެދުވަސްވަރު ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރާއި ދިފާއީ ވަޒީރު އަދި ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިންސަލްމާން ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ. އެދެބޭފުޅުން ޕާކިސްތާނަށް ވަޑައިގެންނެވީ އީރާނާއި ސައޫދީގެ އަރައިރުންތަކުގައި އީރާނާދެކޮޅަށް ޕާކިސްތާން ނެރެވޭތޯ ބެލުމުގެ މަގްސަދުގައި ކަމަށް މުހައްލިލުން ސިފަކުރައްވާފައިވެއެވެ. ނަމަވެސް ޕާކިސްތާން ޚިޔާރުކުރީ ދެގައުމު ސުލްޙަވެރިކުރުވުމަށް މަސައްކަތް ކުރުމުގެ ޚިޔާރެވެ.
ޕާކިސްތާނަކީ ސައޫދީގެ މާލީ އެހީ ވަރަށް ކުރީއްސުރެ ލިބޭ ގައުމެކެވެ. ނަމަވެސް ޕާކިސްތާނަކީ އީރާނާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ގައުމަކަށްވެފައި ޕާކިސްތާނުގައި ޝިޔައީންގެ އަބާދީއެއް އޮތުމުން އީރާނާދެކޮޅަށް ޕާކިސްތާން ނެރުމަކީ ސައޫދީ އަށް ފަސޭހަ ކަމެއްނޫނެވެ. އަނެއްކޮޅުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުޅަނގުގެ ގައުމުތަކުން މިހާރު އުވާލާފައިވުމާއެކު އީރާނުގެ އެކަހެރިކަން ފިލައި އީރާނުގެ އިގްތިސާދު ބާރު ދުވެއްޔެއްގައި ކުރިއަރައިގެންދާނެ ކަމަށް ބެލެވިފައިވާ މިދުވަސްވަރު އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކޮށްގެން ނަފާތައް ހޯދުމަކީ ޕާކިސްތާނުގެވެސް ވަރަށް ބޮޑު އުންމީދެކެވެ. ޕާކިސްތާނަކީ އީރާނާ އެއްއިންވެފައިވާ އަދި ސައޫދީ އަށްވުރެވެސް އީރާނާ އަވަށްޓެރި ގައުމެކެވެ.
ޔަމަނުގެ ހަނގުރާމައަށް އަސްކަރީ ގޮތުން ވަދެގަތުމަށް ސައޫދީ އިސްކޮށް އޮވެގެން އެކުލަވާލި ކޯލިޝަންގައިވެސް ބައިވެރިވުމަށް ޕާކިސްތާން ވަނީ ދެކޮޅު ހަދާފައެވެ. ޔަމަންގައި ހަނގުރާމަކުރާ އަރަބި ކޯލިޝަން އުފެއްދި ދުވަސްވަރުވެސް ޕާކިސްތާން ބުނަމުން ގެންދިޔައީ ސައޫދީ އަރަބިޔާއާ ދެކޮޅަށް އެހެންގައުމަކުން އަސްކަރީ އުދުވާނެއް ހިންގައި ސައުދީ ބިމަށް އެހެން ގައުމަކުން އަރައިގެންފި ހާލަތެއްގައި ސައޫދީގެ ދިފާއުގައި ތެދުވާނެކަމަށާ ނަމަވެސް ސިޔާސީ ބޭނުމެއްގައި އެހެން ގައުމަކާ ދެކޮޅަށް ސައޫދީ ކުރާ ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގައެވެ.
ޕާކިސްތާން މިހެންބުނުމުގެ ސަބަބުން އެގައުމާއި ސައޫދީއާ ދެމެދު ނުތަނަވަސްކަމެއް އެދުވަސްވަރު އުފެދިގެންދިޔައެއެވެ. ޔަމަންގައި ހަނގުރާމަކުރާ ސައޫދީ ގެ ކޯލިޝަންގައިވެސް ހަރަކާތްތެރިވަނީ ގަތަރާއި ޔޫއޭއީ ފަދަ ގަލްފުގެ ކުދި ގައުމުތަކެވެ. މިސްރާއި އުރުދުންފަދަ އަރަބި ގައުމުތައްވެސް މިކޯލިޝަންގައި އޮންނަނީ ހަމައެކަނި ނަމެއްގައެވެ.
ހަގީގަތަށްބަލާއިރު ސައޫދީ އާއި އީރާނުގެ ކޯޅުންތަކަކީ ސުންނީ ޝިޔައީ ކޯޅުންތަކެއް ނޫނެވެ. އެއީ ސިޔާސީ ކޯޅުންތަކެކެވެ. ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އުފެދިފައިވާ އަރާރުން ތަކެކެވެ. ދެގައުމުގެ އަރާރުންތަކުގެ ތެރެއަށް ސުންނީ ގައުމުތައް ވައްދަން ސައޫދީ މަސައްކަތްކުރާއިރު އީރާން ގެންދަނީ އެގައުމުގެ ބާރާއި ނުފޫޒު ހިނގާ އަރަބި ޝިޔައީ ޖަމާއަތްތައް މިއަރާރުންތަކުގެ ތެރެއަށް ވެއްދުމަށެވެ. މިކަމުގައި މިދެގައުމުން ކުރެ ކޮންމެ ގައުމަކަށްވެސް ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ލިބެމުންދެއެވެ.
މިއާޚިލާފަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި ޕާކިސްތާނާ އަދި ޗައިނާ ބޭނުންވަނީ މި އަރައިރުން ތަކުގެ ތެރެއަށް ނުވަދެ އެއްވެސް ކޮޅަކަށް ބުރަނުވެ އެދެގައުމުގެ ދެމެދުގައިވާ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލު ކުރުމަށެވެ. މިގޮތުން ދެގައުމު އަލުން ސުލްޙަ ކުރުވުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރަން ބޭނުންވާކަން އެތަށް ގައުމަކުން ހާމަކޮށްފައިވާއިރު މީގެތެރޭގައި ރަޝިޔާ، ތުރުކީ، ޗައިނާ، އިރާގު އަދި ޕާކިސްތާން ވެސް ހިމެނެއެވެ.
ސައޫދީ އާއި އީރާނުގެ އަރައިރުންތަކުގައި ކުރިން އެމެރިކާ އޮންނަނީ ސައޫދީ ފަޅީގައި ކަމަށްވިޔަސް މިފަހަރު އެމެރިކާ ފެންނަނީ ވަކިކޮޅަކަށް ނުޖެހި މައްސަލަ ހައްލުކުރުމަށް އިސްކަންދޭ ތަނެވެ. އަދި އީރާނާ ގާތްވުމުގެ ސިޔާސަތުތަކެއް އެމެރިކާ ގެންގުޅެން ފެށުމުން ސައޫދީގެ ރުޅި އެމެރިކާއަށް އަމާޒުވިނަމަވެސް އެކަމާ އެމެރިކާ މާބޮޑަށް އަޅާލާފައެއް ނުވެއެވެ. މިކަމުގެ މައިގަނޑު އެއްސަބަބަކީ ސައޫދީ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުރިޔާއަޅާބަލާއިރު ދަށަށްގޮސްފައި ވުމެވެ.
މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ބެލެންސް ގެއްލި އީރާނުގެ ބާރާއި ނުފޫޒު ގަދަވެގެންދިޔައީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ސަރުކާރު އެމެރިކާގެ އަތްދަށުވެ ވެއްޓި އިރާގުގެ އަސްކަރީ ބާރު މުޅިން ފުނޑުފުނޑުވުމުގެ ސަބަބުންނެވެ. މިއާއެކު80 މިލިޔަންމީހުންގެ އާބާދީއެއް އޮންނަ އަދި އަސްކަރީ ތަޖްރިބާ ބޮޑު އީރާނާ ކުރިމަތިލެވޭވަރުގެ އަސްކަރީ ބާރެއް އެސަރަހައްދުގައި ތުރުކީ ނޫނީ މިހާރަކުނެތެވެ. އިރާގު މުޅިން ފުނޑުފުނޑުވެ އީރާނަކީ ނުފޫޒު ހިނގާ ގައުމަކަށް ވުމުގެ ސަބަބުން އާބާދީއާއި ސައެންސާއި ޓެކްނޮލޮޖީ އާއި އަސްކަރީ ގޮތުން އީރާނާ ކުރިމަތިލެވޭފަދަ ގައުމެއް ގަލްފުގެ ސަރަހައްދުގައި ނެތުމަކީ އީރާނުގެ ބާރާއި ނުފޫޒާމެދު ސައުދީ އަރަބިޔާއާއި ގަލްފުގެ ގައުމުތައް އެންމެ ކަންބޮޑުވާ މައްސަލައެވެ.
އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނުގެ ބާރު އިތުރަށް ގަދަވާން ފަށާފައިވާ މިދުވަސްވަރުގައި އީރާނާ ކުރިމަތިލުމަކީ ސައޫދީންނަށް މަސްލަހަތު ހުރިކަމެއް ނޫންކަމުގެ މެސެޖް ޕާކިސްތާނުގެ ބޮޑުވަޒީރު ސައޫދީ ރަސްގެފާނަށް ދެއްވާނެކަމަށް ވަނީ ބެލެވިފައެވެ.